ގައުމީ ފުޓްބޯޅަ ޓީމު ގޯލްކީޕަރު ޓްރޭނަކަށް ގައުމީ އަންހެން ޓީމުގެ ޓީމުގެ ކީޕަރު ޓްރޭނަރު ހަސަން ހަމީދު (ޑަކޭ) ހަމަޖައްސައިފި އެވެ.
ބަންގް ބަންދު ގޯލްޑް ކަޕުގައި ވާދަކުރަން ޒުވާން ކުޅުންތެރިންތަކަކާއެކު ސީނިއާ ޓީމު މިއަދު ފުރިއިރު ޓީމާއެކު ޑަކޭ ވަނީ ޑާކާ އަށް ގޮސްފަ އެވެ. އޭނާ އަކީ ދުވަސްކޮޅަކު ނިއު އަށް ކުޅެ ފަހުން އެކުލަބުގެ ކީޕަރު ޓްރޭނަރަކަށް ވެސް މަސައްކަތްކޮށްފައިވާ މީހެކެވެ.
ކޯޗިން ސްޓާފުންގެ ގޮތުގައި ދިޔައީ ޑަކޭ އާއި ކޯޗު ރިކީ ހާބަޓާއި އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އޮސްޓްރޭލިޔާގެ ސްޕޯޓްސް ސައިންސްގެ ތަޖުރިބާކާރު މިލާން އެކަންޏެވެ. ޓީމާއެކު ދެން ދިޔައީ ފިޒީޝަން އަދި އެފްއޭއެމުގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޝަކީބާއި ކިޓް މެނޭޖްރު އަބުދުއްސައްތާރާއި އޮލިމްޕިކް ކޮމިޓީގެ ފަރާތުން ފޮނުވި އޮފިޝަލެކެވެ.
ކޯޗާ މައްސަލަ ޖެހިގެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުން ކުރީގެ ގައުމީ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް އިސްތިއުފާދީފައިވާއިރު މަގާމުން ވަކިނުވެ ހުރި އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވެސް ޓީމާއެކު ނުދެ އެވެ.
އެސިސްޓެންޓް ކޯޗުންގެ އިސްތިއުފާއާ ބެހެ ގޮތުން ކޯޗު އެއްވެސް ވާހަކައެއް މިއަދު ދައްކާފައިނުވެ އެވެ.
ބަނގްބަންދު ގޯލްޑް ކަޕުގައި ރާއްޖެ ވާދަކުރާނީ ކެމްބޯޑިއާ އާއި ބަހުރޭން އަދި ބަނގްލަދޭޝްގެ ޒުވާން ގައުމީ ޓީމާއެވެ. ރާއްޖޭގެ ފުރަތަމަ މެޗު ކެމްބޯޑިއާއެކު ކުޅޭނީ ހޯމް ދުވަހު މެންދުރު އެވެ.