ހައްވާ ޒުހާ

ޒުހާގެ މަރާގެ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ މުއްދަތު ޖަހައިފި

Jan 9, 2016
1

ހައްވާ ޒުހާގެ މަރާ ގުޅިގެން ހައްޔަރު ކުރި ދެމީހުން ބަންދުގެ މުއްދަތު ޖަހައިފި އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައި ވަނީ ފަސް ދުވަހެވެ. ފިރިހެން މީހާ ބަންދަށް 10 ދުވަހެވެ.

ލ. ގަން، ތުނޑި، ހައްވާ ޒުހާ 23، މަރުވެފައި އޮއްވާފެނުނީ ގަލޮޅު ދޫހިމެރި މަގު ގޯޅިއެއްގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ފުލުހުން ހޮސްޕިޓަލަށް ގެންގޮސް ބަލައި ފާސް ކުރުމަށްފަހު އޭނާ މަރާލުމަށްފަހު އެއްލާލާފައިވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޒުހާގެ މަރުގެ ހަގީގަތް ހޯދަން ޕޯސްޓްމޯޓަން ހަދަން ނިންމައި ފެށި ތަހުގީގުގައި ޒުހާގެ މަރުގެ ތުހުމަތަށް ދެ މީހުން ވަނީ މާލެ އިން ހައްޔަރުކޮށްފަ އެވެ. ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ. އެ ދެމީހުން ހައްޔަރުކުރީ ރޭ ދަންވަރު އެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ވެސް ވަނީ ހޯދާފަ އެވެ.

ޒުހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަން ހެދުމަށް ބޭރަށް ފޮނުވުމުގެ މަސައްކަތްކުރާ އިރު އޭނާގެ ހަށިގަނޑު މިވަގުތު ބާއްވާފައި ވަނީ މޯަޗަރީގަ އެވެ.