މާލޭގެ މަގެއްގެ މަތިން މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ އެވެ. ފުލުހުން ބުނީ ރޭ ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގޮސް ބެލި އިރު އަންހެނަކު މަރުވެފައި އޮއްވާ ފެނިފައި ވަނީ ގ. ދޫހިމެރިމަގުގެ ގޯޅިއެއްގެ ތެރެއިންނެވެ.
މަރުވެފައި ވަނީ ލ. ގަން، 23 އަހަރުގެ ހައްވާ ޒުހާ އެވެ. އެ ކުއްޖާ އަކީ ޑްރަގް އެޑިކްޝަން އަށް ފަރުވާ ހޯދާ ޒުވާނެކެވެ.
ޒުހާގެ ހަށިގަނޑު މިވަގުތު އައިޖީއެމްއެޗްގައި އޮތް އިރު ފުލުހުން ގެންދަނީ އޭނާ މަރުވި ހަދިސާ ތަހުގީގު ކުރަމުންނެވެ.
ޒުހާގެ މަންމަ ވަނީ މިއަދު އަވަސް އަށް ވާހަކަ ދައްކާފަ އެވެ. ދަރިފުޅު މަރުވި ހަބަރާ ގުޅިގެން މާލެ އައުމަށް ކައްދޫ އެއާޕޯޓްގައި ހުރެ އޭނާ ބުނީ ދަރިފުޅު މަރުވެފައި އޮއްވާ ފެނުމުގެ އިރުކޮޅެއް ކުރިން ބަޔަކު ޒުހާ ފަހައި ދުވަނިކޮށް އޭނާގެ ރައްޓެހިންތަކަކަށް ފެނިފައިވާ ކަމަށެވެ.
އޭނާ ބުނީ ޒުހާ މާލޭގައި ހުންނަނީ މަސްތުވާތަކެތި ބޭނުންކުރާތީ އެކަމަށް ފަރުވާހޯދަން ކަމަށާއި ކޮންމެވެސް މައްސަލައެއްގައި ވަރަށް ފަހުން ކޯޓަށް ހާޒިރުކުރި ކަމަށާއި، އެ މައްސަލައިގެ ބަންދުގައި ޒުހާ ހުންނަތާ ވެސް ހައެއްކަ މަސް ވެދާނެ ކަމަށެވެ.
ޒުހާގެ މަރުގެ ހަބަރު ފުލުހުން ދިނީ މިއަދު ހެނދުނު ކަމަށް އޭނާގެ މަންމަ ބުންޏެވެ. އަދި ބުނީ ޒުހާ މަރުވުމުގެ ކުރިން، އޭނާ މަރުވެފައި އޮއްވާ ފެނުނު ގޯޅިގަނޑާ ކައިރި ހިސާބަކުން ބަޔަކު އޭނާ ފަހައި ދުވަނިކޮށް ފެނުނު ކަމަށް ޒުހާގެ ރައްޓެއްސަކު މިއަދު ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް އޭނާއަށް ބަޔަކު އަނިޔާ ކުރި ކަމެއްވެސް ނޭނގޭ ކަމަށެވެ.
"ޒުހާ ރޭ ނޫން ކުރީ ރޭވެސް ގުޅި. އޭނަ ބުނީ، ތިމަންނަ ބަންދުގަ ބަހައްޓާތާ ވަރަށް ދުވަސް ވެއްޖެއޭ. ތިމަންނަ ބޭނުމޭ މަންމަމެން ކައިރިއަށް އައިސްލަން. އަހަރެން ބުނީ އެހެންވީމަ ތިކަމަކުން [މައްސަލައިން] ސަލާމަތް ވަންދެން މަޑުކުރާށޭ، އެހެން ބުނީމަ އޭނަ ބުނި ތިމަންނަ މަސައްކަތް އެބަ ކުރަމޭ ރަނގަޅަށް އުޅެން،" ޒުހާގެ މަންމަ ކިޔައިދިނެވެ.
ޒުހާގެ މަންމަ ބުނީ އޭނާ މަރުވެފައި އޮތް ގޮތެއް ނޭނގޭ ކަމަށް ފުލުހުން ބުނި ކަމަށެވެ. ބޭރުފުށުން އަނިޔާއެއްހުރި ވާހަކައެއްވެސް އަދި އެނޫން ވާހަކައެއްވެސް ފުލުހުން ނުބުނާ ކަމަށެވެ.