ގިނަ ދުވަސްތަކަކަށްފަހު ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މާދަމާ ރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
މިއީ ޔާމީން ޖަލުން މިނިވަންވުމަށްފަހު ބާއްވަވާ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ. ނޫސްވެރިންގެ ބައްދަލުވުން އޮތީ މާދަމާ ރޭ 8:30 ގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު -- މ. ދިމްޔާތުގަ އެވެ.
ޔާމީންގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ގާތްގަނޑަކަށް ދެ އަހަރު ދުވަހު ޖަލު ބަންދުގައި ހުންނެވި އެވެ. އެކަމަކު މިދިޔަ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަންކުރުމާ އެކު އަނެއްކާވެސް ސިޔާސީ މަސައްކަތްތައް ވަނީ ފައްޓަވާފަ އެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީ ތަކުގެ ރިޔާސީ ޓިކެޓް ޔާމީނަށް ދިނުމަށް ނިންމުމުން ރައީސް ޔާމީން އެކަން ގަބޫލުކުރައްވާފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ.
މީގެއިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް ބުނެ އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭންގައިވެސް ރައީސް ޔާމީން ގެންދަވަނީ ގަވައިދު ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ދުވަސްތަކަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ނިންމެވި ނަމަވެސް، ބައެއް މީޑިއާތަކަށް ވަކިވަކި އިންޓަވިއުތައް ޔާމީން ދެއްވާފައިވެ އެވެ. މި އިންޓަވިއުތަކުގައި ބޮޑަށް ދައްކަވާފައި ވަނީ "އިންޑިއާ އައުޓް" ކެމްޕޭނާ ގުޅުން ހުރި ވާހަކަތެކެވެ.
ޔާމީން ޖަލުން މިނިވަންވެވަޑައިގަތް ނަމަވެސް ކްރިމިނަލް ކޯޓުގައި މިހާރުވެސް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ މައްސަލަ ކުރިއަށް އެބަދެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި "އިންޑިއާ އައުޓް" ކެމްޕޭނާއި އުފުލާފައިވާ ދައުވާތަކާއި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭގޮތުންނާއި އަދިވެސް އިތުރު ބައެއް ކަންކަމާ ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަދައްކަވާނެ ކަމަށް ބެލެވެ އެވެ.