އެމްޑީއޭ

އެމްޑީއޭގެ ހާއްސަ ކޮންގްރެސްއެއް މާދަމާ ބާއްވަނީ

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެއަންސް (އެމްޑީއޭ)ގެ ހާއްސަ ކޮންގްރެސްއެއް މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުރިއަށް ގެންދާ ކޮންގްރެސް ބާއްވަން ނިންމާފައިވަނީ ހެންވޭރު މީރުމާ ހޮޓެލްގަ އެވެ.

އެމްޑީއޭގެ އޮފިޝަލަކު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މާދަމާގެ ކޮންގްރެސްއަށް އެޖެންޑާ ކޮށްފައިވަނީ އެންމެ މައްސަލައެއް ކަމަށެވެ. އެއީ އެމްޑީއޭގެ އަސާސީ ގަވައިދަށް ބައެއް އިސްލާހުތައް ގެނެސް ފާސްކުރުމެވެ. އެހެންވެ ކޮންގްރެސް ކުރިއަށްދާ ގޮތް ބަލައި މޮނިޓާކުރުމަށް އެމްޑީއޭ އިން ވަނ އިލެކްޝަންސް ކޮމިޝަނަށް ދައުވަތު ދީފަ އެވެ.

އޮފިޝަލް ވިދާޅުވީ އަސާސީ ގަވައިދު އިސްލާހު ކުރަނީ މިހާރު ގާތްގަނޑަކަށް 35 މެންބަރުން ހިމެނޭ އެމްޑީއޭގެ ކައުންސިލްގައި ތިބޭ މެންބަރުންގެ އަދަދު އިތުރުކުރުމަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. އެގޮތުން އިސްލާހުތައް ގެންނައިރު ރާއްޖޭގެ ކޮންމެ ރަށެއް އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ކޮންމެ ދާއިރާއެއް ތަމްސީލްވާ ގޮތަށް އެމްޑީއޭގެ ކައުންސިލް އެކުލަވާލުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެމްޑީއޭ އަކީ ރާއްޖޭގެ ތިންވަނަ ސިޔާސީ ފިކުރަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތް ކުރަމުން. އަޅުގަނޑުމެން މިދަނީ އެމްޑީއޭގެ މެންބަރުންގެ އަދަދު އިތުރުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންގެ ލީޑަރު ވާދަކުރަން ތައްޔާރުކުރަމުން. އެހެންވީމާ އަސާސީ ގަވައިދު އިސްލާހު މިކުރަނީ އެކަންކަން ހާސިލްކުރެވޭ ގޮތަށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު ވާދަކުރައްވާނެ ކަމަށެވެ. ގައުމު މިއަދު މިއޮތް ހާލަތުން އަރައިގަނެ ގައުމަށް އިގްތިސޯދީ ކުރިއެރުން ގެނެވޭނެ ހަމައެކަނި ލީޑަރަކީ ސިޔާމު ކަމަށްވެސް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބި މެންބަރުންނަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީއޭގައި ތިބީ 6،769 މެންބަރުންނެވެ.