ޔުކްރޭނާއި ރަޝިއާއާ ދެމެދު ހަނގުރާމައެއް ހިނގަ ހިނގާ އޮއްވައި، ޔުކްރޭންގެ އަސްކަރީ ރޭވުންތަކާއި އުކުޅުތައް ނޫސްވެރިންނާ ހިއްސާ ކުރުމަކީ ހިތާމައެއް ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފިޝަލެއް ނުވަތަ ޔުކްރޭނަށް ހެޔޮ އެދޭ އެއްވެސް މީހަކު ޔުކްރޭންގެ އަސްކަރީ ރޭވުންތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އަދި ނޫސްތަކުގައި ފެންނަ ގޮތް ލިޔެ އާންމުކޮށްގެން ނުވާނެ އެވެ.
ޔުކްރޭންގެ އުކުޅުތައް މޮޅު ކަމަށް ދައްކަން، ދައްކާ ވާހަކައަކުން ގާތީ ލަނޑެއް ލިބުން ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. ހަނގުރާމަ ހިނގަމުންދާ ވަގުތެއްގައި ގައުމެއްގެ އަސްކަރީ ރޭވުންތައް ހުރި ގޮތް ކިޔައިދީ މައުލޫމާތު ދިނުމަކީ ދުޝްމަނުންނަށް މަގުދައްކައި ދެވޭ ދައުވަތަކަށް ވާނެ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވި އެވެ.
އަސްކަރީ ރޭވުންތަކާއި އުކުޅުތައް ކިޔައިދިނުމަކީ ޒިންމާދަރުކަން ކުޑަ އަމަލެއް ގޮތުގައި ޒެލެންސްކީ ފާހަގަކުރެއްވި އެވެ. އޭނާ އަދި ވިދާޅުވީ ދިފާއީ ރޭވުންތައް މޮޅުކުރެވުނު ވަރަކަށް ހަނގުރާމަ ކާމިޔާބުވުން ގާތް ކަމަށެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ނޫސްތަކުގައި މޮޅު ސުރުޚީއެއް އެޅުމާއި ހަނގުރާމަ ކާމިޔާބުކުރުމާ އެއީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ.
ޒެލެންސްކީ މި މޭރުމުން ވާހަކަ ދެއްކެވި ސަބަބަކީ ކްރައިމިއާގައި ރަޝިއާ ގާއިމުކޮށްފައި ހުރި "އެއާ ބޭސް" އަކަށް ދިން ހަމަލާއަކީ ޔުކްރޭނުން ދިން ހަމަލާއެއް ކަމަށް ނަން ހާމަކުރަން ނޭދޭ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސްގައި ޖެހި ޚަބަރަކާ ގުޅިގެންނެވެ.
މި ހަމަލާއާ ބެހޭ ގޮތުން ޔުކްރޭން ސަރުކާރުން ރަސްމީ ގޮތުން އެކައްޗެއް ވެސް ބުނެފައެއް ނުވެ އެވެ. އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ އޮފިޝަލުން ވަނީ ތިމާމެން ވަރަށް މޮޅު ކަމަށް ހެދެން މި ވާހަކަތައް މީޑިއާއަށް ލީކުކޮށްފަ އެވެ.
ޔުކްރޭންގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ހުއްދަ ނެތި މީޑިއާތަކަށް ޚަބަރުދޭ އޮފިޝަލުން ހޯދައި ފިޔަވަޅު އަޅާނެ އެވެ. އަދި ޝައްކު ކުރެވޭ މީހުންނާ މެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅާނެ އެވެ.