އެމްއޭސީއެލް

އާ ރަންވޭ އޮކްޓޫބަރުގައި ބޭނުންކުރަން ފަށަނީ

Aug 12, 2022
1

ހަދާ ނިންމިތާ ހަތަރު އަހަރުވާން ކައިރިވެފައިވާ އާ ރަންވޭ އަންނަ އޮކްޓޫބަރު މަހު ބޭނުން ކުރަން ތައްޔާރުވާން ފަށައިިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އާ ރަންވޭ އޮކްޓޫބަރުގައި ބޭނުންކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

އާ ރަންވޭ މިވަގުތު ބޭނުންކުރަނީ ޓެކްސީ ވޭއެއްގެ ގޮތުގައި މިހާރުގެ ރަންވޭގައި ބޯޓު ޖެއްސުމަށް ފަހު އަނބުރާލާފައި ޕާކު ކުރަން ދާން ބޭނުން ކުރާ މަގެއްގެ ގޮތުގަ އެވެ.

"މި ބަދަލު [އާ ރަންވޭ ޓެކްސީ ވޭއަކަށް ބޭނުން ކުރަން ފެށުމުން] މިހާރު ގަޑިއަކު އަށް ބޯޓު ޖެއްސޭ ގޮތަށް އޮތް އޮތުން 16 އަށް ބަދަލުވާނެ. މިއީ ލިބިގެން ދާނެ ކުރިއެރުމެއް،" އޮފިޝަލް ވިދާޅުވި އެވެ. "މީގެ ސަބަބުން ހޯލްޑްކުރަން ޖެހޭ [ބޯޓު ނުޖެއްސި ލަސްވާ ވަގުތު] މަދުވެގެން ދާނެ." ޓެކްސީ ވޭއެއްގެ ގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށި ދުވަހު އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

ސަރުކާރުން ކުރިން ބުނި ގޮތުގައި އާ ރަންވޭ ނުހުޅުވި ލަސްވަނީ އެ ސަރަހައްދުގައި ހުރި އިމާރާތްތަކެއް ނުނެގިގެންނެވެ.

އާ ރަންވޭ ހަދައި ހުޅުވާފައިވަނީ ސެޕްޓެމްބަރު 5، 2018 ވަނަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އިހްތިހާދުގެ އޭ380 ބޯޓެއް ޖައްސައި، އާ ރަންވޭ ހުޅުވި ނަމަވެސް އެތަނަށް ބޯޓު ޖައްސަން ފަށާފައެއް ނުވެ އެވެ. ސަބަބަކީ ރަންވޭއާއެކު ނިންމަން ޖެހޭ އެހެން ކަންކަން ނުނިމި ހުރުމެވެ. މި ރަންވޭ ހެދީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) ކުންފުނިންނެވެ. ރަންވޭގެ ދިގު މިނުގައި 3,400 މީޓަރު ހުންނައިރު، ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ.