ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ހދ. އަތޮޅަށް ވަޑައިގެންފި އެވެ.
ނައިބު ރައީސްގެ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުށި ސިޓީ އަށެވެ. އެ ސިޓީގައި ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެގޮތުން ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް އެ ސިޓީގައި ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނީ އެމަނިކުފާނެވެ. އެ ދުވަހާއި ގުޅިގެން ބާއްވާ މައުރަޒު ހުޅުއްވައިދެއްވާނީ ވެސް ނައިބް ރައީސް އެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ އެވެ.
ކުޅުދުއްފުށްޓަށްފަހު ނައިބް ރައީސް ވަޑައިގަންނަވާނީ ނޮޅިވަރަމަށެވެ. އެރަށަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައި އަދި އެރަށު ސްކޫލާއި ސިއްހީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.