އެސްޓީއޯ

އެސްޓީއޯގެ ޑިޖިޓަލް ބޭންކަށް އަލުން ހުއްދަ ހޯދަނީ

Aug 13, 2022

އެސްޓީއޯ އިން "އިވޯވް"ގެ ނަމުގައި ހިންގަން ނިންމާފައިވާ ޑިޖިޓަލް ބޭންކް ހިންގަން ބޭނުންވާ ލައިސަންސް ހޯދުމަށް އަނެއްކާވެސް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު ވިދާޅުވީ މިއަހަރުގެ ފަހުކޮޅު އެސްޓީއޯގެ ޑިޖިޓަލް ބޭންކް ހިންގުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް އަލުން އެމްއެމްއޭ އަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ލައިސަންސް ލިބޭތާ ހަމަސް ދުވަހުގެ ތެރޭގައި ޑިޖިޓަލް ބޭންކްގެ ހިދުމަތް ފަށާނެ ކަމުގެ ޔަގީންކަން ވެސް އަމުރު ވަނީ ދެއްވާފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ޑިޖިޓަލް ބޭންކިންގެ ހިދުމަތުގެ ތެރެއަށް ވަންނަމުންދާއިރު އެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ބޭނުންވާ ކަމަށްވެސް އަމުރު މީގެކުރިން ވިދާޅުވެފައިވެ އެވެ.

އެސްޓީއޯއިން ޑިޖިޓަލް ބޭންކުގެ ހިދުމަތް ފަށަން ބޭނުންވާތީ ލައިސަންސް ހޯދުމަށް އެމްއެމްއޭ އަށް އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ހަތްވަނަ ދުވަހު އެވެ. ނަމަވެސް އެމްއެމްއޭ އިން ހެދި ޓެކްނިކަލް އިވެލުއޭޝަނުން އެސްޓީއޯ ފާސްނުވުމުން ޑިޖިޓަލް ބޭންކްގެ ހިދުމަތް ފެށުމަށް ލައިސަންސް ނުދޭން އެމްއެމްއޭ އިން އޭރު ނިންމި އެވެ.

އދ. އިން އގްތިސޯދީ ގޮފިން އިންތިޒާމުކޮށްގެން މިދިޔަ ބުދަ ދުވަހު ރާއްޖޭގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ޑިޖިޓަލް ފައިސާ ތައާރަފްކުރުމަކީ އެމްއެމްއޭ އިން އަބަދުވެސް މަރުހަބާ ކިޔާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގައި ޑިޖިޓަލް ފައިސާ ބޭނުންކުރަން ފަށާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފަ އެވެ.