އިލެކްޝަންސް ކޮމިޝަން

ގާދިއްފުށްޓާއި ދިއްގަރުގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި

Aug 13, 2022

ތ. ގާދިއްފުށީ ކައުންސިލާއި މ. ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ވެސް އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ހުސްވުމުން މިއަދު ބޭއްވި އިންތިހާބު ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓް ޒުހައިލާ އަހްމަދު އެވެ. އޭނާއަށް 210 ވޯޓު ލިބުނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް 201 ވޯޓު ލިބުނުއިރު އެމްއާރްއެމްގެ ކެންޑިޑޭޓަށް ލިބުނީ ހަތަރު ވޯޓެވެ.

ދިއްގަރު ކައުންސިލްގެ ހުސްވި ގޮނޑިއަށް ވާދަކޮށް އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް މިއަދުގެ އިންތިހާބު ކާމިޔާބު ކުރީ 375 ވޯޓުންނެވެ. ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާނަށް ލިބުނީ 320 ވޯޓެވެ.

އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

"މިއީ ޕާޓީއަށް ލިބުނު މުހިއްމު ކާމިޔާބީއެއް. ކެމްޕޭނަށް އެހީތެރިވި މެންބަރުންނަށާއި ކެމްޕޭން ޓީމަށް މަރުހަބާ ދަންނަވަން." ރައީސް ވިދާޅުވި އެވެ.

މިއަދު ބޭއްވި ދެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރުމާ ގުޅިގެން އެޕާޓީގެ ބައި އިލެކްޝަން ކޮމިޓީގެ މުގައްރިރު އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވީ އެމްޑީޕީއަށް އިންތިހާބު ކާމިޔާބު ކުރެވުނީ ރައީސް ސޯލިހްގެ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގަތުމުން ކަމަށެވެ.

"‏ލާދީނީއަށް ގޮވާ، ފާހިޝް ކަންކަން ފަތުރާ ބަޔަކަށް ހަދާ އަދި ތަފާތު ގިނަ އިލްޒާމުތައް އެބައިމީހުން ގެންދަނީ އަޅުވަމުން. އެއީ ސިޔާސީ ބޭނުމުގަ ދައްކާވާހަކަކަން ރައްޔިތުންނަށް މިއަދު ސާފު،" މަހްލޫފް ވިދާޅުވެފައިވެ އެވެ.