ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފި އެވެ.
ނައިބް ރައީސް މިއަދު ހަވީރު ނޮޅިވަރަމަށް ވަޑައިގެންނެވީ ބައިނަލްއަގްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށްޓަށް ކުރެއްވި ޒިޔާރަތަށްފަހު އެވެ.
ނޮޅިވަރަމްގެ ކައުންސިލާއި ރަށުގެ އެހެން ށުގެ މުއައްސަސާތަކުގެ ވެރިންނާ އެކު ނައިބް ރައީސް މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ސްކޫލްގެ ޖާގައިގެ ދަތިކަމާއި ނަރުދަމާ ފުރިހަމަވެފައި ނެތުމާއި އާ އިންޖީނުގެ އެޅުމާއި ޒަމާނީ ފެންވަރަށް މަގުތައް ހަދައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުން ހިމެނެ އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވިދާޅުވީ ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ސަރުކާރުން ރަށްރަށުގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، ނޮޅިވަރަމްގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އަދި މިހާރު ހިނގަމުންދާ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން ކައުންސިލާއި މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމާ ގުޅިގެން ނައިބް ރައީސް ވިދާޅުވީ މަޝްރޫއުތަކުގެ މަސައްކަތްތައް އަވަސްކުރެވޭނެ ގޮތްތައް ބައްލަވައި އެކަމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ނޮޅިވަރަމް ސްކޫލުގެ މަލްޓި ޕާޕަސް ހޯލުގެ މަަސައްކަތް މިހާރު އޮތީ ބީލަމުގެ މަރުހަލާގައިކަން ފާހަގަކުރެއްވި އެވެ.
ނައިބް ރައީސް މިއަދު ވަނީ ނޮޅިވަރަމް ހެލްތު ސެންޓަރަށާއި ސްކޫލަށް ވެސް ޒިޔާރަތްކުރައްވާފަ އެވެ. އެގޮތުން ހެލްތު ސެންޓަރުގެ ވަސީލަތްތަކާއި ހިދުމަތް ހުރި ނެތް ގޮތް އޮޅުން ފިލުއްވައި އެވަގުތު އެތަނުން ހިދުމަތް ހޯދަމުންދިޔަ ބައެއް ބަލި މީހުންނަށް ޒިޔާރަތްކުރައްވައި ހާލު ބައްލަވާފައިވެ އެވެ. ނޮޅިވަރަމް ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލުގެ ކަންކަން ބައްލަވާލައްވައި މުވައްޒަފުންނާ ވެސް ނައިބް ރައީސް ބައްދަލުކުރައްވާފައިވެ އެވެ. އަދި ނޮޅިވަރަމް ސްކޫލުގެ މަތީ ގުރޭޑްތަކުގެ ދަރިވަރުންނާއި ބައްދަލުކުރައްވައި ކިޔެވުމުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން ދަރިވަރުންނަށް ހިތްވަރު ދެއްވި އެވެ.