ތަކުރާރުކޮށް ސޯޝަލް މީޑިއާގައި މާތްﷲ އަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ޕޯސްޓްތައް ކުރި ގދ. ތިނަދޫ، މުހައްމަދު ރުސްތަމް މުޖުތަބާ މިނިވަންވެއްޖެ އެވެ.
ރުސްތަމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އޭނާ ވެފައިވާ އިއުތިރާފް ދެމެހެއްޓުމުން ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގަ އެވެ. އެހެންކަމުން އަވަސް ނިޔާއިން މައްސަލަ ވަނީ ނިންމާފަ އެވެ.
ރުސްތަމް ކުށަށް އިއުތިރާފްވެ އަދި މައްސަލަ ސާބިތުވި ނަމަވެސް އޭނާ ވަނީ މިނިވަންވެފަ އެވެ.
ސަބަބަކީ އޭނާ ދެ ދައުވާއަށް ވެސް އިއުތިރާފްވެފައިވާތީ، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގައި އަންނާނީ 18 މަސް ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމުގެ ކުށުގައި އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާ ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު ދެން ތަންފީޒު ކުރާނެ ހުކުމެއް ނެތެވެ. އޭނާ ބަންދުކޮށްފައި ހުންނަތާ ހަ މަސް ވެއްޖެ އެވެ.
ދީނަށް ފުރައްސާރަކޮށްގެން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށް ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން އޭރު ބުނެފައި ވަނީ ރުސްތަމް ހައްޔަރު ކުރީ އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތަށް ކަމަށެވެ.