ދީނަށް ފުރައްސާރަ ކުރުން

ދީނަށް ފުރައްސާރަ ކުރާ ހަރުކަށި މީހާ އަނެއްކާވެސް ހައްޔަރުކޮށްފި

Mar 15, 2020
5

އިސްލާމް ދީނަށް ފުރައްސާރަ ކުރާ، ހަރުކަށި ލާދީނީ މީހާ، ގދ. ތިނަދޫ، މުހައްމަދު ރުސްތަމް މުޖުތަބާ އަނެއްކާވެސް ހައްޔަރު ކޮށްފި އެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ މީގެ ކުރިން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ފަހު މިނިވަން ކުރުމުން އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހާ ޓްވީޓް ކުރަން ފަށަފައިވާ ވަނިކޮށެވެ. އަދި އެކަމާ ގުޅިގެން އާންމުންގެ ޝަކުވާކޮށް ނުރުހުން ފާޅު ކުރަމުން ވެސް ދަނިކޮށެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ "އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިއަދު ހެނދުނު ކޯޓް އަމުރެއްގެ ދަށުން 37 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ" ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންގެ ވާހަކަތަކާ ގުޅުވައި ސަރުކާރާއި ފުލުހުން ބޭނުން ކުރާ ލިޔުންތަކުގައި "ފުރައްސާރަ" އިގެ ބަދަލުގައި ބޭނުންކޮށްފައި ހުންނަނީ "ތައުހީނު" މި ލަފުޒެވެ. މިއީ ދިވެހިން ފަރިތަ ލަފުޒެއް ނޫނެވެ. އެ ލަފުޒުގެ މާނާއަކީ ނިކަމެތި ކޮށްލުން ނުވަތަ ފުރައްސާރަ ކުރުމެވެ. ދިވެހި ފަރިތަ ލަފުޒަކީ "ފުރައްސާރަ" އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން މި ހަރުކަށި ލާދީނީ މީހާ ސެޕްޓެމްބަރު 10، 2019 ގައި ހައްރު ކުރި އެވެ. އަދި ފުލުހުން ބުނާ ގޮތުން އެ މައްސަލާގެ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީގެ އޮފީހަށް އޮކްޓޫބަރު 10 2019 ގައި ފޮނުވި އެވެ. އަދި ހަރުކަށި އެ މީހާ ފުލުހުންގެ ހައްޔަރުން އޮކްޓޫބަރު 14، 2019 އިގައި ކަރެކްޝަންގެ ބަދަލުކޮށް އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު ބަންދުން ދޫކޮށްލީ އެވެ.

އެ މީހާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ކަމަށް ވެއެވެ. ދޫކޮށްލީ އޭނާ "ހައްޔަރު ކުރެެވުނީ" ކުރީގެ ގާނޫނެއްގެ ދަށުން ކަމަށް ބުނެ އެވެ.

ހަރުކަށި ލާދީނީ މީހާ ހައްޔަރުން ދޫކޮށްލި ފަހުން އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހައި ކޮށްފައިވާ ގިނަ ޓްވީޓް ތަކުގެ ތެރެއިން ޓްވީޓެއްގައި ވަކި ތާރީހެއްގައި ދިވެހި ރާއްޖެ ސެކިއުލާ ދައުލަތަކަށް ބަދަލުކޮށް އެކަން ފާހަގަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ލާދީނީ ހަރުކަށި މީހުންގެ މައްސަލަތަކާ ގުޅިގެން ފަހަކަށް އައިސް ފުލުހުން ވާހަކަ ދެއްކުން ލަސް ކުރާ އިރު އެ މައްސަލަތަކުގައި ބޭނުން ކުރާ އިބާރާތްތަކާއި ލަފުޒުތައް ތަފާތު ކަމަށް އާންމު ފަރާތްތަކުން ފާހަގަ ކޮށް އެ ވާހަކަ ދައްކަ އެވެ.