ދީނަށް ފުރައްސާރަ ކުރުން

ދީނަށް ފުރައްސާރަކުރާ ޝަކުވާ ލިބޭތީ އެބަ ބަލަން: ފުލުހުން

Mar 14, 2020
2

އިސްލާމް ދީނަށް ފުރައްސާރަކޮށް ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާ ހިލާފު ވާހަކަ ޓްވީޓް ކުރަމުންދާ ކަމަށް ޝަކުވާ ލިބޭތީ ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ އެ އިދާރާގެ މީޑިއާ ގްރޫޕެއްގައި ހިއްސާ ކުރި މެސެޖެއް މެދުވެރިކޮށް މިއަދު އެވެ.

އެ މެސެޖް ހިއްސާކުރީ ގދ. ތިނަދޫގައި ހުރެގެން މާތް ވެގެންވާ އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ހައްޔަރު ކޮށްފައި ބެހެއްޓި ހަރުކަށި އަދި ލާދީނީ މީހާ، މުހައްމަދު ރުސްތަމް މުޖުތަބާ ދޫކޮށްލުމުން އޭނާ އިސްލާމް ދީނަށް ފުރައްސާރަކޮށް އަދި ދިވެހި ދައުލަތަށް ޖޮން ޖަހައި ކޮށްފައިވާ ޓްވީޓެއް ނޫސްވެރިޔަކު އެ ގްރޫޕްގައި ރޭ ހިއްސާކޮށް "މިކަން ނުބަލަނީތޯ؟" ކުރި ސުވާލަކަށް ދިން ޖަވާބެއްގެ ގޮތުގަ އެވެ.

އޭގެ ފަހުން ދެވަނަ މެސެޖެއް ވެސް ފުލުންގެ އިދާރާއިން ހިއްސާ ކުރި އެވެ. އޭގައި ބުނެފައި ވަނީ ތިނަދޫ ގައި މީހަކު ދީނަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން ސެޕްޓެމްބަރު 10، 2019 ގައި އެ މީހާ ހައްރު ކުރި ކަމަށެވެ. އަދި އެ މައްސަލާގެ ތަހުގީގުކޮށް އޭނާގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ އޮކްޓޫބަރު 10 2019 ގައި ކަމަށެވެ.

އަދި ބުނީ އެ މީހާ ފުލުހުންގެ ހައްޔަރުން އޮކްޓޫބަރު 14، 2019 އިގައި ކަރެކްޝަންގެ ބަދަލު ކުރި ކަމަށާއި އޭނާގެ މައްސަލަ ކޯޓުގައި އޮއްވާ މި މަހުގެ ނުވަ ވަނަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

ހަރުކަށި އަދި ލާދީނ އެ މީހާ ދޫކޮށްލި މައްސަލައިގައި މިހާތަނަށް ސަރުކާރުގެ ކަމާ ބެހޭ އެއްވެސް ފަރާތަކުން އެއްޗެއް ބުނެފައެއް ނުވެއެވެ. އެ މީހާ ދޫކޮށްލީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކަށް ކަމަށް ވެއެވެ. އަދި އެމީހާ ދޫކޮށްލީ އޭނާ "ހައްޔަރު ކުރެެވުނީ" ކުރީގެ ގާނޫނެއްގެ ދަށުން ކަމަށް ބުނެ އެވެ.

ހަރުކަށި ލާދީނީ މީހާ ހައްޔަރުން ދޫކޮށްލި ފަހުން އިސްލާމް ދީނަށް ފުރައްސާރަކޮށް ދިވެހި ދައުލަތަށް ގޮންޖަހައި ކޮށްފައިވާ ޓްވީޓްގައި ވަކި ތާރީހެއްގައި ދިވެހި ރާއްޖެ ސެކިއުލާ ދައުލަތަކަށް ބަދަލުކޮށް އެކަން ފާހަގަ ކުރާނެ ކަމަށް ބުނެފައި ވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ ލާދީނީ ހަރުކަށި މީހުންގެ މައްސަލަތަކާ ގުޅިގެން ފަހަކަށް އައިސް ފުލުހުން ވާހަކަ ދެއްކުން ލަސް ކުރާކަަމަށް އާންމު ފަރާތްތަކުން ފާހަގަކޮށް އެ ވާހަކަ ދައްކަ އެވެ.