ވިޔަފާރި

ސައުދީގެ ގައުމީ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ

Jan 10, 2016
1
  • ދަތުރުތައް ފަށާނީ މާޗް 30ގައި
  • ސައުދީ އިން އަންނަ ޓޫރިސްޓުން އިތުރުވާނެ
  • ހަފްތާއަކު ދެ ފްލައިޓް

ސައުދީ އަރަބިއްޔާގެ ގައުމީ އެއާލައިން، "ސައުދީ އެއާލައިންސް"ގެ ސީދާ ދަތުރުތައް ރާއްޖެ އާއި އެ ގައުމާ ދެމެދު ފަށަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

ސައުދީ އަރަބިއްޔާގެ ޖިއްދާއިން ރާއްޖެއަށް ކުރާ އެ ދަތުރުތަކާ ގުޅޭ ގޮތުން އެ އެއާލައިންގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ބުނެފައި އެ ދަތުރުތައް ފަށާނީ، މި އަހަރުގެ މާޗް 30 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ދެ ފްލައިޓް ބާއްވާނެ ކަމަށް ވެސް އެ އެއާލައިން އިން އިއުލާންކޮށްފައިވެ އެވެ. އަދި އޮންލައިން ބުކިން އަށް ވެސް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެ ދަތުރުތަކާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ. 

ސައުދީ އެއާލައިންސް އިން އަންނަނީ ދުނިޔޭގެ 126 ގައުމަކަށް ދަތުރުތައް ކުރަމުންނެވެ. ހާއްސަކޮށް މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރުގައި އެ އެއާލައިންގެ ރޯލް ވަރަށް ބޮޑެވެ. އެ އެއާލައިން އިން ހައްޖު މޫސުމާ ދިމާކޮށް އެކި ގައުމުތަކަށް ޗާޓަ ދަތުރުތައް ވެސް ބާއްވަ އެވެ. އެއާލައިންގައި ރަލުގެ އެއްވެސް ބާވަތެއް ސާވްއެއް ނުކުރާނެ އެވެ. އަދި ނަމާދު ހާއްސަ އޭރިއާއެއް ވެސް ފަހުގެ ފްލައިޓްތަކުގައި ހަދާފައިވެ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު ވެސް 14،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރި އެވެ. އެއީ 24 ޕަސެންޓްގެ އިތުރުވުމެކެވެ. ރާއްޖެއަށް އަންނަ އެންމެ މުއްސަދި ޓޫރިސްޓުންގެ ބޮޑު ބައެއް ޒިޔާރަތް ކުރަނީ ސައުދީ އަރަބިއްޔާ ފަދަ މެދުއިރުމަތީގެ ގައުމުތަކުންނެވެ. މި އެއާލައިންގެ ދަތުރުތަކާ އެކު އެ ސަރަހައްދުން އަންނަ ޓޫރިސްޓުން އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

މިފަހުން ވަނީ ރާއްޖެ އާއި ޖަރުމަނުގެ ވެރިރަށް ބާލިންއާ ދެމެދު ވެސް ސީދާ ދަތުރުތައް ފަށައިފަ އެވެ.

ސައުދީ އާއި ރާއްޖޭގެ ގުޅުން މި ފަހުން ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ. އެގޮތުން ރާއްޖޭގައި އެ ގައުމުގެ އެމްބަސީއެއް ވެސް ވަނީ ހުޅުވައިފަ އެވެ.