މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިމްޕޯޓް އިތުރު، އެކްސްޕޯޓް ދަށް

މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު އިތުރުވެ، އާމްދަނީ 31 ޕަސެންޓް މައްޗަށް ޖެހިފައިވާ ކަމަށް ކަސްޓަމްސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ. ނަމަވެސް މިދިޔަ މަހު އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓް އިތުރުވުމުގެ ސަބަބުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު 241 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ލިބިފައިވާއިރު، މިދިޔަ މަހު މި އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިމްޕޯޓް އިތުރުވި ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 162 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކުރިއިރު، މިދިޔަ މަހު އެކްސްޕޯޓް ކުރީ 78 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ 52 ޕަސެންޓްގެ ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ. އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި އިންޑިއާއިން 698 ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު ރޯޔަލްޓީގެ ގޮތުގައި 1.4 މިލިއަން ރުފިޔާ ވެސް ލިބިފައިވާ ކަމަށެވެ.