ރައީސް އޮފީސް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމަށް ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް މި އަހަރު ނަން ހުށަހެޅުމުގެ ފުރުސަތު ހާއްސަ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި އިނާމާ ބެހޭ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފި އެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން ސެޕްޓެންބަރު މަހުގެ 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު، މި އަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ފަސް ގިންތިއަކުންނެވެ.

އެގޮތުން މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމު ދޭ ގިންތީގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި މަތީ ތައުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ އެ މަރުކަޒަކުންދޭ އެންމެ މަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

ދެވަނަ ގިންތި އަކީ ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގްވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ތިންވަނަ ގިންތި އަކީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

ހާއްސަ އިނާމު މި އަހަރު ދެއްވާ ހަތަރު ވަނަ ގިންތި އަކީ ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ. މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ދެއްވާ ފަސްވަނަ ގިންތި އަކީ ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ހާއްސަ އިނާމާބެހޭ ކޮމިޓީން މި އަހަރު އިތުރު ކުރެއްވި ގިންތިއެކެވެ. މިގޮތުން މި ގިންތި އަކީ މި އަހަރަކީ ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރުން ފާހަގަކުރާ ރަންޔޫބީލް އަހަރު ކަމަށް ވާތީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ދަމަހައްޓައި އިންގިލާބީ ބަދަލުތަކެއް ގެނެސްދީގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެވެ.

މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި އަހަރު އެވެ. މި ގިންތިން ތިން ރޮނގަކުން އިނާމު ދެއްވުމަށްވަނީ ހަމަޖައްސަވައިފައެވެ. އެއީ އީޖާދީ އުފެއްދުމެއް ނުވަތަ އީޖާދީ ކަމެއް ތައާރުފުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މުހިންމު ކާމިޔާބީއެއް ހޯދައިދިނުމުގެ ރޮނގާއި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް ފަތުރުވެރިކަމުގެ ދާއިން މީހުން ބިނާކުރުމުގެ ރޮނގާއި ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ތެރެއިން އެ މުވައްޒަފެއްގެ މަގާމުގެ މަސްއޫލިއްޔަތުތަކާ ގުޅޭ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރުމުގެ ރޮނގެވެ.

މި ގިންތީގެ ކާމިޔާބީތައް މިންކުރުމުގައި މައިގަނޑު ގޮތެއްގައި ބަލާނީ އޮގަސްޓް 1، 2017 އިން އޮގަސްޓް 31، 2022 ގެ ނިޔަލަށް ވޭތުވެދިޔަ ފަސް އަހަރުގެ މައުލޫމާތާއި ތަފާސް ހިސާބަށެވެ. މި ގިންތި ފިޔަވައި އެހެން ގިންތިތަކުން ހާއްސަ އިނާމަށް ހުށަހަޅާ ކާމިޔާބީ އަކީ 2019 ވަނަ އަހަރު ނުވަތަ އޭގެ ފަހުން ލިބިފައިވާ ކާމިޔާބީއެއް ކަމުގައި ވާންވާނެ ކަމުގައި އިނާމާބެހޭ އުސޫލުގައި ވެއެވެ.

ހާއްސަ އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.