ފީވަށް

ފީވަކު ކައުންސިލަރުންްގެ ތައުރީފު ރައީސަށް

ށ. ފީވަކުގެ ތަރައްގީ އަށްޓަކައި ވައުދެއް ވެވަޑައިގެންނެވި ހަމައެކަނި ވެރިއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާ އެ ވައުދާ އެއް ގޮތަށް ތަރައްގީގެ މަސައްކަތްތައް ހިނގަމުންދާ ކަމަށް އެ ރަށު ކައުންސިލް މެންބަރުން ވިދާޅުވެއްޖެ އެވެ.

ފީވަކު ކައުންސިލާ ބައްދަލު ކުރައްވައި އެރަށުގެ ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ އެރަށް އުމުރާނީ ގޮތުންނާއި އިގުތިސާދީ ގޮތުން އަދި އިޖުތިމާއޫ ގޮތުން ތަރައްގީ ވާން ފަށާފައި ވަނީ މި ސަރުކާރުގެ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައިކަން ވަނީ ފާހަގަކުރައްވާފައެވެ.

އަދި ފީވަކުގެ ތަރައްގީއަށްޓަކައި ވައުދެއް ވެވަޑައިގެންނެވި ހަމައެކަނި ވެރިއަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތަރައްގީގެ މަސައްްކަތްތައް ހިނގަމުންދާ ކަމަށް އަދި އަދި ބައެއް މަސައްކަތްތައް ނިމިފައިވާކަން ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށް ފަހުގައި ފީވަކުގެ ތަރައްގީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞސަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތް ކަމަށް ކައުންސިލް މެމްބަރުން ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފީވަކު ކައުންސިލުން ވަނީ މިހާރު އެ ރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި އެރަށުގައި މޫދަށް އެރޭނެ ސަރަހައްދެއް ނެތުމާއި ރަށްގިރުމުގެ މައްސަލަ ފާހަގަކުރެއްވިއެވެ. ރައީސް ސޯލިހް ވަނީ ފީވަކުގައި މޫދަށް އެރޭނެ ސަރަހައްދެއް ކަނޑައަޅައި އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތާއި ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމުގެ ކަންކަން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާ ކުރައްވައި ބައްލަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.