ދުނިޔެ

އުތުރު ކޮރެއާ އާއެކު އަބަދުވެސް ގާތް ގުޅުމެއް އޮންނާނެ: ޕޫޓިން

ރަޝިއާ އާއި އުތުރު ކޮރެއާ އަކީ އަބަދުވެސް ގާތް އެކުވެރިން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، އުތުރު ކޮރެއާގެ ލީޑަރު ކިން ޖޮން އުން އަށް ދަންނަވައިފި އެވެ.

ޖަޕާންގެ މުށުގެ ތެރެއިން ދެ ކޮރެއާ، ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ސަލާމަތްވި ދުވަސް -- ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް 15، ދެ ކޮރެއާގައި ވެސް ފާހަގަކުރަނީ "ލިބަރޭޝަން ޑޭގެ ގޮތުގަ އެވެ.

ލިބަރޭޝަން ޑޭގެ މުނާސަބަތުގައި ކިމް އަށް ފޮނުއްވި ސިޓީއެއްގައި ޕޫޓިން ވިދާޅުވެފައިވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރައްވާނީ ދެ ގައުމަށް ވެސް އެކަމުން ފައިދާވާނެ ގޮތްތައް ބައްލަވައިގެން ކަމަށެވެ.

ރަޝިއާ ސިފައިން މިއަހަރު ފެބްރުއަރީ 24ގައި ޔުކްރޭނަށް އަރައި ހަމަލަދޭން ފެށުމާ ގުޅިގެން މުޅި ދުނިޔެ ކަހަލަ ގޮތަކަށް އޮތީ ރަޝިއާއާ ދެކޮޅަށެވެ. ރަޝިއާއަށް އެއްބާރުލުން ދިނުމުގައި އޮތީ އުތުރު ކޮރެއާ އާއި އީރާން ފަދަ މަދު ގައުމެކެވެ.

ހުޅަނގުން ރަޝިއާއަށް ދަތިކުރަން ފެށުމާއެކު އުތުރު ކޮރެއާއިން ވަނީ އެ ގައުމު ދެކޭ ގޮތް ހާމަކޮށްފަ އެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވި ގޮތުގައި ރަޝިއާ އަކީ ގާތް އެކުވެރިއެކެވެ. އެހެންކަމުން އުތުރު ކޮރެއާ އަބަދުވެސް އޮންނާނީ ރަޝިއާއާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

އުތުރު ކޮރެއާ އާއި އީރާނަކީ ވެސް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އޮބިއަޅުވާފައި އޮތް ދެ ގައުމެވެ. އަނެއްކޮޅުން، ދުވަހަކު ވެސް ގައުމަކާ ދެކޮޅަށް އަޅާފައި ނުވާ ވަރުގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް، ރަޝިއާއާ ދެކޮޅަށް ވަނީ އަޅާފަ އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުން ދެ ގައުމަށް ވެސް ރާހަތްކުރަން ޖެހޭނެ އެވެ. އެކުވެެރިކަމާއި ބަދަހި ގުޅުމުގެ ތެރެއަށް ހުރިހާ ބޭނުމެއް ވަންނާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

އުތުރު ކޮރެއާ އާއި އުތުރު އޭޝިއާ ސަރަހައްދަކީ ސުލްހަ ގާއިމުކުރެވިފައި އޮތް ސަރަހައްދަކަށް ހެދުމަށް ރަޝިއާ އެއްބާރުލާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. އުތުރު ކޮރެއާގެ ސަލާމަތާ ރައްކާތެރި ކަމަށް ރަޝިއާ ވަކާލާތު ކުރައްވާނެ ކަމަށް ވެސްް ޕޫޓިން ވިދާޅުވި އެވެ.