އެމްއޭސީއެލް

އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ

Aug 15, 2022

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މިދިޔަ އަހަރުގެ ފައިދާ އިން އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000 ރުފިޔާ ދޭން ނިންމައިފި އެވެ.

އެމްއޭސީއެލްގެ ކޮންމެ ވަޒީފާއެއްގައި ހުރި މުވައްޒަފެއް ނަމަވެސް ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވެ އެވެ. ނަމަވެސް އެ އަދަދަށް ބޯނަސް ލިބެނީ މިދިޔަ އަހަރު އެއްކޮށް އެމްއޭސީއެލްގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށެވެ. މިިދިޔަ އަހަރު އެއްކޮށް ވަޒީފާ އަދާކޮށްފައި ނުވާ ނަމަ އެ މުވައްޒަފަކު ވަޒީފާ އަދާކުރި މުއްދަތަކަށް ނިސްބަތުން ޖެހޭ އަދަދެއް ދިނުމަށްވެސް ނިންމާފައިވެ އެވެ. އަދި އަހްލާގީ މައްސަލައެއްގައި އެމްއޭސީއެލްގެ ވަޒީފާ އިން ވަކިކޮށްފައިވާނަމަ ބޯނަސް ނުދޭން ވެސް ނިންމާފައިވެ އެވެ.

އެމްއޭސީއެލްގައި 3،400 މުވައްޒަފުން މަސައްކަތް ކުރާއިރު މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން ބޯނަސް ފައިސާ މުވައްޒަފުންނަށް ޖަމާކޮށްދޭނެ ކަމަށް ސާކިއުލާ އަކުން މިހާރު ވަނީ އަންގާފަ އެވެ. މިދިޔަ އަހަރުގެ ފައިދާ އިން މުވައްޒަފުންނަށް ބޯނަސް ދިނުމަށް 85 މިލިއަން ރުފިޔާ ހަރަދުކުރަންވެސް ބޯޑުން ނިންމާފައިވެ އެވެ.

އެމްއޭސީއެލްއަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑުގެ ގޮތުގައި 57.9 މިލިއަން ރުފިޔާ ސަރުކާރަަށް ދީފައިވެ އެވެ.

އެމްއޭސީއެލް އިން އެންމެ ފަހުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސް ދިނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 7،879.79 ރުފިޔާ ދީފައިވެ އެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް 2020 ވަނަ އަހަރު ބޯނަސް ދިނުން މެދުކަނޑާލީ ކޮވިޑާ ގުޅިގެން އެ ކުންފުންޏަށް ލިބުނު މާލީ ބޮޑު ގެއްލުމުގެ ސަބަބުންނެވެ. އަލުން މިއަހަރު މުވައްޒަފުންނަށް ބޯނަސް ދޭން ނިންމާފައިވަނީ ބޯނަސް ނުދީގެން މުވައްޒަފުން ޝަކުވާ ކުރަމުން ދަނިކޮށެވެ.