ކްރިމިނަލް ކޯޓް

ހަމަނުޖެހުމަށްފަހު ސިފަ ބަދަލުކޮށްގެން އުޅުނު މީހަކު ދޫކޮށްލައިފި

ބައިނަލްއަގްވާމީ ޔޯގާ ދުވަހު ގަލޮޅު ދަނޑުގައި އޮތް ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުމަށްފަހު ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން އިއްޔެ ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ފުލުހުން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ އަލަމާގެ، މުހައްމަދު އަކްސަމް އެވެ.

އޭނާގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ޓެރަރިޒަމާއި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި އަދި ހުއްދަނޫން ތަނަކަށް ވަނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމެވެ.

މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ހިންގި ހަމަނުޖެހުމަށްފަހު އޭނާ އުޅުނީ ކުރިން ގެންގުޅުނު ފޯނާއި މީހާގެ ސިފަ ވެސް ބަދަލުކޮށްގެންނެވެ.

އަކްސަމްގެ ފަރާތުން ދިފާއީ ވަކީލް ވަނީ އޭނާއާ އެއް ހާތަލެއްގައި ހުރި އެހެން މީހަކު ބަންދުން ދޫކޮށްލާފައިވާ ކަމަށް ކޯޓުގައި ބުނެފަ އެވެ.

އޭނާ ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާގެ ފަރާތުން ހިންގި އަމަލުގެ ސަބަބުން ބިރުވެރިކަން ތަސައްވަރު ކުރެވިދާނެ ކަމަަށް ބެލެވުނު ކަމުގައިވީ ނަމަވެސް، ތަހުގީގަށް ހޯދިފައިވާ ހެއްކަށް އަދި ހޯދިދާނެ ކަމަށް ބެލެވޭ ހެއްކަކަށް ނުފޫޒުފޯރުވިދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އަކްސަމް ދޫކޮށްލައިފައި ވަނީ ޝަރުތުތަކަކާއެކީ ކަމަށްވާއިރު، އޭގެ ސަބަބުން ހެއްކަށް ނުފޫޒު ފޯރުވޭނެ ކަމުގެ އިހުތިމާލު ކުޑަވެގެންދާ ކަމަށްވެސް ގާޒީ މުހައްމަދު މިސްބާހު ނެރުއްވި ކޯޓު އަމުރުގައި ފާހަގަކުރައްވާފައިވެ އެވެ.

އަކްސަމް ބަންދުން ދޫކޮށްލާފައި ވަނީ 44 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު އެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން މިހާރު ބަންދުގައި ތިބީ ހަތް މީހުން ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.