ސިފައިންގެ ވަޒީފާ އިން ރިޓަޔާކުރައްވާފައިވާ ޒަކަރިއްޔާ މަންސޫރަށް މިހާރުވެސް އެލަވަންސާއި މުސާރައިގެ ގޮތުގައި ދައުލަތުން 51،730 ރުފިޔާ ލިބިވަޑައިގަންނަވާ ކަން ހާމަވެއްޖެ އެވެ.
އެއީ ސިފައިންގެ ވަޒީފާ އިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިޓަޔާކުރެއްވުމާ ގުޅިގެން ލިބިވަޑައިގަންނަވާ 20،430 ރުފިޔާގެ ރިޓަޔަމަންޓް އެލަވަންސާއި މިހާރު އަދާކުރައްވަމުން ގެންދަވާ ނެޝެނަލް ކައުންޓާ ޓެރަރިޒަަމް ސެންޓަރު (އެންސީޓީސީ)ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ލިބިވަޑައިގަންނަވާ މުސާރަ އެވެ.
މިހާރު ހުންނެވި މަގާމުގައި ޒަކަރިއްޔާ އަށް ކޮންމެ މަހަކު އަސާސީ މުސާރައިގެ ގޮތުގައި 18،000 ރުފިޔާއާއި، ލިވިން އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާގެ އިތުރުން ފޯން އެލަވަންސްގެ ގޮތުގައި 800 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
ޒަކަރިއްޔާގެ މުސާރައިގެ މައުލޫމާތު ހާމަކުރީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި އަދި އެފަދަ ގިނަ މައުލޫމާތުތަކެއް ހާމަކުރަމުން ގެންދާ އައިމަން ލަތީފް އެވެ.
ޒަކަރިއްޔާ ސިފައިންގޭގައި 37 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއާ ޖެނަރަލެއްގެ ރޭންކުގައި ވަޒީފާއިން ރިޓަޔާކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަވަނަ ދުވަހު އެވެ. އޭރުވެސް އޭނާ ގެންދެވީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދިޔަ އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ފުރުއްވަމުންނެވެ. ސިފައިންގެއިން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެއްފަހަރާ ދޭ ރިޓަޔާމަންޓް ޕެކޭޖުގެ ގޮތުގައި ޒަކަރިއްޔާއަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވެ އެވެ.
ބްރިގޭޑިއާ ޖެނަރަލެއްގެ ގޮތުގައި ޒަކަރިއްޔާއަށް ލިބުނު މުސާރަ
- އަސާސީ މުސާރަ - 27،240 ރުފިޔާ
- ސާވިސް އެލަވަންސް - 4،500 ރުފިޔާ
- ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާތީ ދޭ އެލަވަންސް - 6،810 ރުފިޔާ
- ސާވިސް އެލަވަންސް އިންކްރިމެންޓް - 2،500 ރުފިޔާ
- ނޮން ޕްރެކްޓިސް އެލަވަންސް - 10،896 ރުފިޔާ
- ފޯނު އެލަވަންސް: 1،000 ރުފިޔާ
- ފަންނީ އެލަވަންސް - 4،086 ރުފިޔާ
ސިފައިންގެ ވަޒީފާ އިން ޒަަކަރިއްޔާ ރިޓާޔާ ކުރެއްވުމުން އެންސީޓީސީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް އަލުން ޒަކަރިއްޔާ އައްޔަންކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ޒަކަރިއްޔާ މަންސޫރު ސިފައިންގޭގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ކޯސްޓްގާޑުގެ މަސައްކަތްތަކުގަ އެވެ.