ސްރީލަންކާ

ލަންކާގައި ދާހިލީ ހަނގުރާމަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރަނީ

ސްރީ ލަންކާގައި ކުރިއަށް އޮތްތާނގައި ދާޚިލީ ހނގުރާމަ ނުކުރެވޭގޮތަށް އާ ގާނުނު އަސާސީއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ސިރިސޭނާ ލަންކާގެ ވެރިކަމާއި ހަވާލުވިތާ އަހަރެއް ފުރުން ފާހަގަ ކުރުމަށް ލަންކާ ޕާލިމެންޓުގައި ބަޔާނެއް ދެއްވަމުން ވިދާޅުވީ ލަންކާގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި ހަނގުރާމަކުރުން ހުއްޓާލައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަ ކަން ގާއިމްކުރުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެގާނޫނު އަސާސީ އަކީ 1948 ވަނަ އަހަރު އިނގިރޭސިން ލަންކާ ދޫކޮށް ދިޔަފަހުން އެކުލަވާލާފައިވާ ގާނޫނު އަސާސީ އެކެވެ.

ސިރިސޭނާ ވިދާޅުވީ މިއަހަރު ތެރޭގައި އެކުލަވާލައި ނިންމާލުމަށްފަހު އަންނަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

ސިރިސޭނާ ވިދާޅުވީ ލަންކާގައި ދިރިއުޅޭ ސިންހަޅައިންނާއި ތަމަޅައިން އެއްބަސްވާ ފަދަ ގާނޫނު އަސާސީ އެއް އެކުލަވާލުމަކީ ދަތި ކަމެއް ކަމަށާއި މި ގަރުނުގައި ސުލްހަވެރިކަމާއެކު އުޅެވޭ ފަދަ ގާނޫނު އަސާސީ އެއް އެކުލަވާލަން ޖެހޭ ކަމަށެވެ.

ސިރިސޭނާ އިތުރަށް ވިދާޅުވީ ރައީސްގެ ބާރުތައް ކުޑަކޮށް ޕާލިމެންޓުގެ ބާރުތައް އިތުރު ކުރުމަށް އެމަނިފާނު ތައްޔާރަށް ހުންނެވި ކަމަށެވެ.