އެން މަރުވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކުރަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
ދިރާސާ ކުރިއަށް ގެންދިއުމަން ނިންމާފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި ޖަޕާންގެ ޖައިކާ ގުޅިގެންނާއި ދެ ފަރާތުން ހަރަދުވެސް ކުރާ ގޮތަށެވެ.
މިދިރާސާ ކުރިއަށްދާއިރު މަސް ދޯނިތަކުގެ އެންވަތުގައި މަސް ގެންގުޅޭ ގޮތުގެ މައުލޫމާތު އެއްކޮށް، ދޯނިތަކުގައި ގިނަ ދުވަހަށް ދިރޭ އެން ގެންގުޅޭނެ ގޮތާއި އަދި އެގޮތަށް އެން ގެންގުޅުމަށް ދޯނިތަކުގެ ވަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަޖުރިބާކުރަމުން ގެންދާނެ އެވެ.
ދިރާސާ ކުރާ ބޭފުޅުން ދެކުނުގެ ބައެއް ދޯނިތަކުގައި މަހަށް ގޮސް ދޯނިތަކުގައި އެން ގެންގުޅޭ ގޮތް އެބޭފުޅުން އަމިއްލަފުޅަށް ތަޖުރިބާކުރުމަށް ހަމަޖެހިފައިވެ އެވެ.
ދިރާސާގެ ބޭނުމަށް ދޮށީގެ މަސްވެރިކަން ކުރާ މަދުވެގެން ދެ އެންވަތް ހުރި 90 ފޫޓަށް ވުރެ ދިގު އުޅަނދެއް ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ވަނީ ފަށާފަ އެވެ. މިފަދަ ދޯންޏެއް ފިޝަރީޒް މިނިސްޓްރީގެ ދިރާސާއަށް ދޫކުރަން ޝައުގުވެރިވާ ފަރާތްތަކުން މަސް ކިރާފައި ރަސީދުގެ ކޮޕީ ހުށަހަޅަންޖެހެ އެވެ. ކޮޕީ ހުށަހަޅަންޖެހޭނީ މިދިޔަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ސްލިޕްތަކެވެ.
އެއް ދޯންޏަށް ވުރެ ގިނަ ދޯނީގެ ވެރިން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ދޯންޏެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުލައިގެންނެވެ.