(ބުދަ ދުވަހުގެ ނޫހާ ގުޅޭ)
ދެހަފްތާގެ ޗުއްޓީއަކަށް ފަހު ސައުންނާއި އާލިޔާ ރާއްޖެ އައީ މިއަދުއެވެ. ކުދިންނަށް ގެނައި ހަދިޔާ ތަކާ އެކު ސައުން ދިޔައީ ކުދިން ކައިރިއަށެވެ. އެކުދިންނަށް ސައުން ފެނުމާއި އެކު ބައްޕާއޭ ކިޔާ އޮޅުލައިގަތެވެ. ޒޯޔާ ސައުންގެ އަތުގައި ހިފައިގެން މިޝްކާގެ ކައިރިއަށް ގެނައެވެ. މަންމައަށް ހަދިޔާ ގެނައިތޯ އެހިއެވެ. އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މިޝްކާއަށް ސައުން ގެނައި ހަދިޔާ ލައިފައިވާ ކޮތަޅު ދިއްކޮށްލިއެވެ.
މިޝްކާގެ ލޯ ސައުންނާއި ސީދާވި ހިނދު ސައުން މިޝްކާގެ މިލާފައިވާ މޫނަށް ބަލާލިއެވެ. އެހިނދު މިޝްކާއަށް އައިސްފައިވާ ބަދަލާއި މެދު ކަންބޮޑުވުމުގެ ނަޒަރަކުން ބަލާލިއެވެ. މިޝްކާގެ ހަށިގަނޑު ހިކި އަނަރޫފަ ވަމުން ދަނީ ހިތާމަ ކުރާތީ ކަން ސައުންނަށް ވިސްނުނެވެ. ކުދިންނަށް ޓަކައި ކައިވެނި ރޫޅާ ނުލުމަކީ ހުރިހާ މާނައެއްގައި ވެސް މިޝްކާ ބަލައި ގަތުމެވެ. އެކަމާ ސައުން ވިސްނާލިއެވެ. ދިރިއުޅުމުގައި ކުރިމަތިމިވި އިމްތިހާނެއްގެ ގޮތުގައި ދެކުނެވެ. ސައުން ކަންތައްކުރާ ގޮތުން ދެހިތް ކުދިކުދިވެ ހަނާވެދާނެއެވެ. މިޝްކާ ގަޔާވާ ގޮތަށް ސައުން އުޅެފިނަމަ އާލިޔާގެ ހިތަށް އަސަރު ކުރާނެއެވެ. މިހާހިސާބުން ސައުންނަށްވިސްނުނީ ހަޔާތުގެ ސަފުހާތައްދެން އުކިގެން ދާނެ ގޮތާ މެދުގައެވެ. މާޒީއެއީ މާޒީ ކަމަށް ދެކުނެވެ. ފަސްއެނބުރި ބެލުމަކީ ބުއްދިވެރި ވިސްނުމެއް ނޫން ކަމަށް ވިސްނިއެވެ.
ކުދިވެރިންނާ އެކު ކުޅެ މަޖާ ކުރަމުން ގޮސް ސައުން މިޝްކާގެ ކޮޓަރީގައި އޮށޯން ތަނުން ވެފައިވާ ވަރުބައްޔާ އެކު ނިދިއްޖެއެވެ. ސައުން ނިދިމުގެ ކުރިން ޒީކު ސައުންގެ ކައިރީގައި ނިދައިފިއެވެ. ޒޯޔާ ވާހަކަ ފޮތެއް ހިފައިގެން ބައްޕައަށް ވާހަކަ ކިޔައިދެން އޮތެވެ.
ބަދިގެ ތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލުމަށް ފަހު އެނބުރި އައި އިރު ސައުން ނިދާފައި އޮތް ތަން ފެނުމުން މިޝްކާގެ މޫނުމަތިން ކާމިޔާބުގެ ހިނިތުން ވުމެއް ފާޅުވިއެވެ. އަދި ސައުންގެ މިޒާޖާއި ވިސްނުމަށް ބަދަލު ތަކެއް އައިސްފައި ވާކަން ގަބޫލު ކުރެވުނެވެ. ސައުން މިޝްކާ އަލުން ބަލައި ގަތް ކަމުގެ ފޮނި އިހުސާސް ކުރެވުނެވެ. ސައުންގެ ކައިރީގައި ނިދާފައި އޮތް ޒީކު ނަގައިގެން ގެންގޮސް އެކުދިން ނިދާ ކޮޓަރިއަށް ލިއެވެ. ސައުން ތެދުވޭތޯ ގަޑިއެއްހާ އިރު މަޑުކޮށްލުމަށް ފަހު މިޝްކާ ވެސް ސައުންގެ ކައިރީގައި އަރާ އޮށޯތެވެ. ސައުން ހޭލައިގެން އެނބުރި ގޮސް ދާނެތީ މިޝްކާ އޮތީ ވަރަށް ކަންތައް ބޮޑުވެފައެވެ. އިރު އިރު ކޮޅުން ސައުންނާއި ދިމަ ބަލާލުމަށް ފަހު އަނެއްފަރާތަށް އެނބުރެއެވެ. ދެމީހުންގެ ދެމެދުގައިވާ ގުޅުން ހީނަރުވެފައި ވާތީ ސައުންގެ ހަމުހގައި ބީހިލާން ވެސް ނުކެރިފައި މިޝްކާ އޮތެވެ. ސައުންގެ ވިސްނުން ނޭނގޭތީ އިތުރު ހަރަކާތެއް ގެންނަށް މިޝްކާ އަކަށް ނުކެރުނެވެ. ނިދި ނައުމުން މަޑު މަޑުން ތެދުވެ ކޮފީއެއް ހަދަން ބޭރަށް ނުކުތެވެ. އާލިޔާ ދެކޮޅު ބަލާއި ހޯދަމުން ސައުންނަށް އިންތިޒާރު ކުރަމުން ދިޔަ މަންޒަރު ފެނުނެވެ. މިޝްކާގެ މޫނުމަތިން މަކަރުވެރި ކަމުގެ ހިނިތުން ވުން ފާޅުވޭވެ ހުއްޓެވެ. އަވަހަށް އެނބުރި ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އާލިޔާ މިޝްކާ ފެނުމުން ސައުން ހޯދަން އަތުވެދާނެތީއެވެ.
ކުދިވެރިންގެ ކައިރިއަށް ސައުން ދިޔަ ގޮތަށް އެނބުރި ނައުމުން އާލިޔާ ވަރަށް ކަންތައް ބޮޑުވިއެވެ. އެކަނި ނިދަން އޮނަން ނުކެރުމުން ފޯނު ނަގައި ސައުންނަށް ގުޅަން މަސައްކަތް ކުރިއެވެ. ނަމަވެސް ފޯނު ރިންގުވާން ފެށީ ކޮޓަރި ތެރެއިންނެވެ. ތަންތަން ހޯދަމުން ދިޔަ އިރު ފޯނު ބާއްވާފައި އޮތި އެނދުކައިރި ހުރި ސައިޑްޓޭބަލު މަތީގައެވެ. ގުޅޭނެ ގޮތެއް ނެތެވެ. ސައުން ކޮބައިތޯ ތިރިއަށް ދާކަށް ނުކެރުނެވެ. މިޝްކާއާއި ދިމާ ވެދާނެތީއެވެ.
ބަރާ ޖަހާ ބޮޑުވި އިރުވެސް އާލިޔާ ނުނިދާ ސައުންނަށް އިންތިޒާރު ކުރިއެވެ. ސައުން އަންނާނެކަމަށް ނުނިދާ އާލިޔާ އިނެވެ. ތަފާތު ޚިޔާލު ތަކާއެކު ނުބައި ވަހުމުތައް ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ހެއްލުންތެރިވެ، ވަސްވާސް ދެމުން ދިޔަ ސިކުނޑިން ދިން މެސެޖަކީ މިޝްކާ އަކީ ވެސް ސައުންގެ އަނތްބެކެވެ. އާލިޔާ އަށް ސައުންގެ ފުށުން ލިބޭ ހުރިހާ ހައްޤެއް މިޝްކާ އަށް ވެސް ލިބެން ވާނެއެވެ. ފިރިއެއްގެ މަގާމުގައި ސައުން ހުރިހާ ދުވަހަކު ދެމީހުނަށް ހަމަހަމަ ކަމާއެކު ހުރިހާ ހައްގެއް ލިބެންވާނެއެވެ. ސައުންނަކީ ހަމަ އެކަނި އާލިޔާގެ ހިތުގެ އެކަނި މުދާގަޑެއް ނޫން ކަމެވެ. އެވިސްނުމާ އެކު ލޮލުގެ އެސްފިޔަ ތައް ބަރުވާގޮތް ވިއެވެ. ދާދި އަވަހަށް ނިދީގެ ތަންމަތީގައި ހުވަފެނީ ދުނިޔެއްގައި ފީނަމުން ދިޔައެވެ.
ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ދެލޯ އުނގުޅަމުން އުނގުޅަމުން ފޯނު ކޮބައިތޯ ބަލާލިއިރު ދެތިން ހަތަރު މެސެޖުވެސް އައިސްފައި އޮތެވެ. ނުދަންނަ ނަމްބަރަކުންނެވެ. ފުރަތަމަ މެސެޖުގައި ވަނީ "ގުޑްނައިޓް" މިއިބާރާތެވެ. ދެވަނަ މެސެޖުވެސް ކިޔާލިއެވެ. ޕިކުޗަރ މެސެޖެކެވެ. ރަތް ފިނިފެން މަލެކެވެ. އިތުރު އެއްވެސް އިބާރާތެއް ނެތެވެ. މެސެޖަކަށްފަހު މެސެޖެއް ބަލަމުން ގޮސް އެންމެ ފަހު މެސެޖު ގައި ވަނީ ތިޔައީ މިހިތުގެ މަލިކާއެވެ. މިޢިބާރާތެވެ. އާލިޔާ ހާސްވާގޮތް ވިއެވެ. މިސްކޯލު އައިސްފައި ވަނީ ވެސް އެ ނަމްބަރުންނެވެ. އާލިޔާ އަވަސް އަވަހަށް އެ މެސެޖުތައް ޑިލީޓް ކޮށްލަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ފާޚާނާގެ ދޮރު ހުޅުވުމާ އެކު އާލިޔާ ދިޔައި ސިއްސައިގެނެވެ. ލިބުނު ސިހުމުގައި ފޯނު އަތުން ދޫވެ މުށިތައް މައްޗަށް ވެއްޓުނެވެ. ކުރިމަތީގައި ހުރީ ސައުންނެވެ. އާލިޔާ ހަދާނެ ގޮތް ބޮޑުވިއެވެ. ސައުން ކާކުތޯ ގުޅީ ސުވާލު ކުރިއެވެ. ''ފާޚާނާއަށް ވަންނަން ދިޔައިރު ފޯނު ވަރަށް ރިނގުވި"
އާލިޔާ: ނޭނގެ ނުދަންނަ ނަމްބަރެއް ކޯލު މިސްވެއްޖެ. ސައުން އިތުރަށް އެއްޗެކޭ ނުބުނެ ފޯނު ނަގައި އާލިޔާގެ އަތަށް ދިނެވެ. އަދި އާލިޔާގެ އަތުގައި ހިފުމަށްފަހު "ވަރަށް ބޮޑަށް ސޮރީ" ނިދާކަށް ނޫން ދިޔައީ ޒީކު ގޮވައިގެން އޮއްވަ ނިދުނީ ދެންމެ ހޭލެވުނީ''
އާލިޔާ: ފޯނު ނުލައި ކީއްވެ ދިޔައި ހާދަ ވަރަކަށް ގުޅަން މަސައްކަތް ކުރީމެ. އެކަމަކު ފޯނު އޮތީ މިކޮޓަރީގައި ދެން ރެއަކުން ވެސް ބުނެލައިފައި ދާތީ . މަ ވަރަށް އިންތިޒާރު ކުރިން .
ސައުން އާލިޔާ ގައިޔާލައި ބޮނޑި ކޮށްލަމުން "ދެން ފަހަރަކުން އެހެން ވިޔަ ކަނުދޭނަށް"
ކޮފީއަކަށް ފަހު ދެމީހުން ވެސް ތައްޔާރު ވަމުން ދިޔައީ އޮފީހަށް ދާށެވެ. އާލިޔާ އެވަގުތު ވީ ފާޚާނައިގައެވެ. އިރު އިރުކޮޅުން އާލިޔާގެ ފޯނަށް މެސެޖު އަންނައަޑު އިވެމުން ދިޔައެވެ. އާލިޔާ ނެތިސް އާލިޔާގެ ފޯނުގައި އަތް ނުލުމަށް އަޒުމު ކަނޑައަޅައިގެން ހުރި ސައުންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ކާކުތޯ މެސެޖު ކުރަނީ ބެލެމުގެ ޝައުޤު އިތުރުވިއެވެ. ސައުން ފެނުމުން އާލިޔާ ސިއްސައިގެން ގޮސް ފޯނު ވެއްޓުނު މަންޒަރު ސިފަވެ، ސުވާލު އުފެދެމުން ދިޔައެވެ. ކުރިން ނުވާކަމެއް ތަކުރާރުވާތި ހާސްވާގޮތް ވިއެވެ. އާލިޔާ ސައުންނަށް ކަންތައް ތަކެއް ސިއްރުކުރާހެން ހީވަން ފެށިއެވެ.
ޝައްކުކުރެވުނީ ގަސްތަކާއި ނުލައެވެ. ޔަގީން ކުރުމުގެ ގޮތުން އާލިޔާގެ ފޯނު ބަލާލިއެވެ. އިއްޔެއާ ހަމައަށް އާލިޔާގެ ފޯނަކީ ޕާސްވޯޑް ޖަހާލޮކު ކުރެވިފައިވާ ފޯނެއް ނޫނެވެ. އެހެން ނަމަވެސް މިހާރު އެވަނީ ލޮކު ކޯޑުޖަހާ ފައެވެ. މެސެޖު އައިސްފައިވާ ތަން ފެނުމުން ބޮލުގައި އިތުރު ރިހުމެއް އުފެދުނެވެ. ޝައްކުގެ ނަޒަރަކުން އާލިޔާއާއި މެދު ވިސްނަން ފެށުނެވެ.
އާލިޔާ ފާޚާނައިން ނުކުތް އިރު ސައުންގެ އަތުގައި އޮތީ އާލިޔާގެ ފޯނެވެ. އާލިޔާ ވަރަށް ހާސްވިއެވެ. ނުދެނަ ހުރި ކަމަށް ހަދާފައި އެނަމްބަރުން އަނެއްކާ ވެސް ގުޅިހެއްޔޭ އާލިޔާ އެހިއެވެ. ސައުން "ނޫން ގަޑި ބަލާލީ އަވަސްކޮށްލާ! ތަންކޮޅެއް ކުރިން މިއަދު ދާންވާނެ" އެހެން ބުނުމަށް ފަހު ފޯނު ބާއްވާ ތައްޔާރުވާން ފެށިއެވެ. ދެމީހުން އެކުގައި ނުކުމެގެން ދާތަން ބަލަން މިޝްކާ ހެވިފައި ހުއްޓެވެ.
މިޝްކާގެ މޫނުމަތިން އުޖާލާކަން ފާޅުވޭވެ ހުއްޓެވެ. ދެމަފިރިންގެ ދެމެދުގައި ކެނޑިފައިވާ ވާފަށް އަލުން ގޮށްޖެހި ބާރު ކުރެވުނަތީއެވެ. އެދެމެދުގައިވާ ބީރައްޓެހި ކަމުގެ ފާރު ވަނީ ރޭގައި ރޫޅިގެން ގޮސްފައެވެ. ސައުން މިޝްކާ އަލުން ބަލައި ގަތް ކަމަށްޓަކައި ހިތާހިތުން ޝުކުރުވެރި ވަމުން ދިޔައެވެ. ސައުންގެ ފާރާތުން ލިބުމަށް އެދުނު ހުރިހާ އުފަލެއް އަލުން އަނބުރާ މިޝްކާއަށް ލިބުނެވެ.
ދިރިއުޅުމުގެ ބައެއްވާހަކަތައް މިޝްކާއާއި ސައުން ހިއްޞާކުރިއެވެ. އާލިޔާ ގޭގެ ތިންވަނަ ފަންގިފިލާއަށް ބަދަލު ކުރާނެ ވާހަކައާއި ކުދިން ގޮވައިގެން މިޝްކާ ގޭގައި އިނުމަށް އެދުނެވެ. ވިޔަފާރީގެ އެންމެހާ ކަންތައް ތަކުގައި އާލިޔާއާއި ސައުން އުޅޭނެ ކަމަށް ބުނަމުންނެވެ.
ސައުން ބުނާ ކޮންމެ ވާހަކަ އަކަށް މިއަދު މިޝްކާ އާހުން ކިޔާ ކިޔަމަން ވަމުން ދިޔައެވެ. ސައުންގެ ހިތް އަތުލުމަށެވެ. އާލިޔާއަށް ވުރެ ބޮޑަށް އެހިތުގައި ގާތްކަން އުފެއްދުމަށެވެ. ސައުންނަކީ ހަމައެކަނި މިޝްކާގެ މީހަކަށް ހެދުމުގެ ހުވަފެންތައް އާކުރިއެވެ. އިތުބާރާއި ޔަޤިންކަން ދޭނެ ގޮތަކާއި މެދު އިތުރު ވިސްނުންތައް ސިކުނޑީގައި ރާވަމުން ދިޔައެވެ. ކޮންމެ ރޭވުމެއްގެ އަޑިގައި ފޮރުވިފައި ވަނީ އާލިޔާހިތް ދަތި ކުރުމެވެ. އެދިރިއުޅުމުން އާލިޔާ އަމިއްލައަށް ނުކުމެގެން ދާނެ ދުވަހަކަށް ޓަކައި ކުރަހާލެވޭ މަގު ޗާޓެއްގެ ގޮތުގައެވެ.
އޮފީހަށް އެނބުރި އައުމުން ހުރިހާ މުއައްޒަފުންގެ މޫނު މަތިން ވެސް އުފާވެރިކަން ފާޅުވިއެވެ. ކައިވެނީގެ ހޫނު މަރުޚަބާއަކާއި އެކު ނަވާލު އާލިޔާ ކައިރީ އުފާވެރި ޚަބަރެއް ނެތްހޭ އަހާލީ ލާނެއް ހިނިތުން ވުމަކާއި އެކުގައެވެ. އާލިޔާ މަސަކަތަށް ގެއްލިފައިވަނިކޮން ފޯނު ރިނގުވާން ފެށިއެވެ. އެވަގުތު ނަވާލު ވެސް ކައިރީގައި އިނެވެ. އާލިޔާ ފޯނު ނު ނެގުމުން ދެވަނަ ފަހަރު ނަވާލު އާލިޔާގެ ހުއްދަޔަކާއި ނުލައި ފޯނު ނެގިއެވެ. "ހަލޯ" އޭ ގޮވަގޮވާ އަނގައިވެސް ނުބުންޏެވެ.
" ކާކުތަ އާލިޔާއަށް އެގުޅަނީ ހާދަވަރަކަށް ގުޅާފަ އެބަ އޮތޭ. ކީއްވެ ފޯނު ނުނެގީ" މަސައްކަތަށް ގެއްލިފައިވާ އާލިޔާ ނަވާލުގެ ވާހަކަ ތަކުގެ އަޑު އިވިފައި އެއްލިގެން ދިޔައެވެ. ކުއްލިއަކަށް ފޯނު ނަވާލުގެ އަތުން ޖަހައިގަތެވެ. ކުރިން އާލިޔާގެ ފޯނަކީ ނަވާލު މެން އަތްލުން މަނާ އެއްޗެއް ނޫނެވެ. ލޮކުކޯޑް ޖަހާފައި ވާކަން ނަވާލުއަށް ފާހަގަ ކުރެވުނެވެ. އަދި އާލިޔާ ތެޅިގަތް ގޮތުން ނަވާލުގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ.
އޭރު އާލިޔާގެ ނިންކުރިމަތިން ހާސްވެ ކަންބޮޑު ވެފައިވާ ކަމުގެ ނިޝާންތައް ފެންނަށް ހުއްޓެވެ. ތަންކޮޅެއް ހަރުކަށި ގޮތަކަށް "ނަވާލު ދެން އަހަރެންގެ ފޯނަށް އަންނަ ކޯލުތަކަށް ތިޔަގޮތަށް ހުއްދަ ނެތި ޖަވާބު ނުދޭތީ" ނުރުހުމާއެކުގައި އެހެން އާލިޔާ ބުނީ ނަވާލުއަށް ފުރަގަސް ދިނުމަށް ފަހުގައެވެ.
ނަވާލު : ވަރަށް ބޮޑަށް ސޮރީ . ރިންގުވުން ނުކެނޑިގެން ބޮލަށް އުނދަގޫ ވެގެން ނެގުނީ .
އާލިޔާ: އޯކޭ. އެކަމާ އެއްޗެކޭ ހީނުކުރާތި މިއޮތީ މިއަދު ނިންމަން ޖެހޭ މަސައްކަތެއް ދެމީހުންވެގެން ވާނެ ނިންމާލަން އެހެން ބުނަމުން ނަވާލުގެ އަތަށް ފޯމެއް ދިއްކޮއްލިއެވެ. އޭރު ކުރިމަތިގައި ސައުން ހުރިތަން ފެނުމުން އާލިޔާ ސިއްސައިގެން ދިޔައެވެ. ނަވާލުއާއި ދެމީހުން ދެއްކި ވާހަކަތައް އަޑުއިވިނު ބާއޭ ހިތާ ހިތާ ސުވާލު އުފައްދަމުން ދިޔައެވެ. ސައުން އެއައީ ސަޔަށް ދާން ވެގެންކަން އެނގުމުން އާލިޔާ މަސައްކަތްތައް ހުއްޓާލުމަށް ފަހު ސަޔަށް ދާންވީހޭ އެހިއެވެ.
ސައުން: އާން! ސަޔަށް ވެސް ދާންވީ ވަރަށް ބަނޑުހައި ދޯ ނަވާލު ކޮބާ ނަވާލު ނުދާނަންތަ؟
ނަވާލު: މިއަދު އައީ ސައިބޮއިގެން ދެކުދިން މިއަދު ދޭ! މިހާރު ސައުން އެކަނި ނުވާނެ. ކޮފީ އަށް ދާނެ ބައިވެރިއެއް ތިޔަ ހުރީ އުމުރަށް ލިބިފައި. އެހެން ބުނީ ސަމާސާ ރާގެއްގައެވެ. "ތިޔަކަހަލަ ބައިވެރިއެއް މަ ވެސް ދެން ހޯދަންވީ ކުރިން މިހުރީ އާލިޔާއަށް ބަލައިގެން ވިއްޔަ. އެކަން ވެސް ނުވީމަ ދެން ޖެހޭނީ އެހެން ކަމެއް ވޭތޯ ބަލަން. ސައުންމެންނަށް އެކަށްޗަކުން ނުފުދޭ ވިއްޔަ. ދެން ތިޔަ ގޮތް ގޯހެއް ނޫން އެއްކޮޅުން ނުވާކަންތައް އަނެއް ކޮޅުން ވާނެ ވިއްޔަ. ލާރި އެއްކޮށްގެން މަ ވެސް ދެން އިންނާނީ ދެއަނތްބަށް. ގަޓް ހުރި ދީންވެރި ފިރިހެނަކަށް ނުވާނެ ދެތިން އަނބިން ނެތިއްޔާދޯ އާލިޔާ!
އާލިޔާ ހުރި ދަތް ކިނޑި ވިކަ ވިކައެވެ. ނަވާލުއަކީ ދޫމައްޗަށް އަންނަ ކޮންމެ ބަހެއް ވިސްނާލުމެއް ނެތި ބުނަން ޖެހިލުން ނުވާ މީހެކެވެ. ފޯނުގެ ވާހަކަ ނަވާލު ދައްކަ ފާނެތީ ހުރީ ބިރުން އަވަދި ވާވަރުގައެވެ. ސައުން އާލިޔާއާއި މެދު ޝައްކު ކޮށްފާނެތީއެވެ. ނަވާލުގެ ވާހަކަތައް އަޑުއަހަމުން ދިޔަ އިރު ސައުން ގެ މޫނު މަތިން ހިނިތުންވުން ފާޅުވޭވެ ހުއްޓެވެ.
ސައުން: ނަވާލު އާލިޔާ ތިޔަ ހާ ބޭނުންކަން އެނގުނު ނަމަ ނަވާލުއަށް އާލިޔާ ވެދުން ކުރީމުސް. ތިޔަ ވާހަކަ ތިޔަ ބުނީ ވަގުތު ފާއިތުވީ ފަހުން ވިއްޔަ ނުބުނެ ހުރުމަކުން ނޭނގޭނެ ދޯ އާލިޔާ! ސައުން ދީން ދޯގައި ހިފުމުގެ ބަދަލުގައި އާލިޔާ ހީލިއެވެ. ދެމީހުންގެ ވާހަކަ މެދުކަޑާލީ އާލިޔާގެ ފޯނެވެ. އާލިޔާ ފޯނު އޮފް ކޮށްލިއެވެ. ސައުން އާލިޔާއާ ދިމަ ޝައްކުގެ ނަޒަރަކުން ބާލާލުމަށް ފަހު މޫޑްއޮފް ވިއެވެ. މޫނު މަތިން ކުރިން ފެނުނު ހިނިތުންވުން ފިލާގޮސް އާލިޔާއާއި ދިމަ އަނެއްކާވެސް ބަލާލިއެވެ.
ސަޔަށް ދިއުމަށް ފަހު ސައުން އާލިޔާގެ ފޯނު އަތުލިއެވެ. އަދި ޕާސް ވޯޑް ބުނާށޭ ބުނީ ހިތްހަމަ ނުޖެހި އިނދެއެވެ. (ނުނިމޭ)