ވިޒިޓް މޯލްޑިވްސް

ޓާކިޝް އެއާލައިންއާ ގުޅިގެން ރާއްޖެ އިޝްތިހާރުކޮށްފި

Aug 18, 2022

ތުރުކީގެ ގައުމީ އެއާލައިން ޓާކިޝް އެއާލައިންއާ ގުޅިގެން، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ތުރުކީގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އަދި ރައްކާތެރި މަންޒިލުގެ ގޮތުގައި ދަމަހައްޓާ އިޝްތިހާރު ކުރުމަށް ތިން މަސް ދުވަހަށް ގެންދިޔަ ކެމްޕޭން ނިންމާލާފައިވާ ކަމަށެވެ.

މި ކެމްޕޭން ކުރިއަށް ގެންދިޔައީ މި އަހަރުގެ ފެބުރުއަރީ މަހުން ފެށިގެންނެވެ. މި ކެމްޕެއިނުގެ ދަށުން ޓާކިޝް އެއާލައިންސްގެ ހުރިހާ ފްލައިޓެއްގެ އިންހައުސް އެންޓަޓެއިންމަންޓް ސިސްޓަމް މެދުވެރިކޮށް ފަސިންޖަރުންނަށް ރާއްޖޭގެ ރީތި މަންޒަރުތަކާއި، ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ހާއްސަ ތަޖުރިބާތައް ދައްކުވައިދޭ 30 ސިކުންތުގެ ޕްރޯމޯ ވީޑިއޯއެއް ވަނީ ދައްކާލާފަ އެވެ.

މި ވީޑިއޯގެ ޒަރިއްޔާ އިން ދިވެހިރާއްޖޭގެ ޖަޒީރާ ރަށްތަކާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައް އަދި ތަފާތު ތަޖުރިބާތައް ވަނީ ދައްކާލާފަ އެވެ. މި ވީޑިއޯ ސްލޮޓްގައި ހަމައެކަނި އިޝްތިހާރުކުރެވުނީ ދިވެހިރާއްޖެ އެވެ.

މި މުއްދަތުގައި ޓާކިޝް އެއާލައިނުން ކުރި 44،800 ދަތުރުގައި މި ވީޑިއޯ ފެނިގެންދިޔަ އެވެ. މި ކެމްޕޭން ކުރިއަށް ގެންގޮސްފައިވަނީ ތުރުކީ މާކެޓަށް ކަނޑައަޅާފައިވާ މާކެޓިން ސްރެޓަޖީގެ ދަށުންނެވެ. މި ވީޑިއޯ 11.2 މިލިއަން މީހުންނަށް ފެނިފައިވެ އެވެ.

ދުނިޔޭގެ ބޮޑެތި އެއާލައިންތަކާއެކު ޖޮއިންޓް ކެމްޕޭންތައް ހިންގުމަކީ އެމްއެމްޕީއާރްސީއިން ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން ކުރަމުންދާ ކަމެކެވެ. އެގޮތުން މިހާތަނަށް އެމްއެމްޕީއާރްސީ އިން ވަނީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް އަދި ސިންގަޕޫރު އެއާލައިންސްއާ ގުޅިގެން ވެސް މިފަދަ ކެމްޕޭންތައް ހިންގާފަ އެވެ.

އެމްއެމްޕީއާރްސީ އިން ވަނީ 22 މާކެޓެއްގައި 260 ހަރަކާތް މިފަހުން ހިންގާފަ އެވެ. މީގެތެރޭގައި ފެއާތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވެފައިވެ އެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތަކާއި އަދި އެކި ގައުމުތަކުގައި ބާއްވާފައިވާ ރޯޑްޝްތައް ވެސް ހިމެނެ އެވެ.