ވިޔަފާރި

އިންޑިއާ ފަތުރުވެރިން އިތުރުކުރުމަށް ރޯޑްޝޯތަކެއް ފަށަނީ

އިންޑިއާ އިން އަންނަ ޓޫރިސްޓުން އިތުރުކުރުމަށް އެ ގައުމުގެ ތިން ސިޓީއެއްގައި ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯތަކުގެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ ރޯޑް ޝޯ ތަކެކެވެ.

މި ރޯޑްޝޯތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ޝޯއެކެވެ.

އެމްއެމްޕީއާރްސީ އިން މައުލޫމާތު ދިން ގޮތުގައި މިފަދަ ޝޯއެއް އިންޑިއާގައި ބޭއްވުމުގެ މައިގަނޑު މަގުސަދަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކޮށް އިންޑިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްލަން އެންމެ ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު ހަރުދަނާ ކުރުމެވެ.

މި ހަރަކާތުގައި ރާއްޖެ ތަމްސީލް ކުރައްވާ ވަފުދުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް އާއި އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލު ހިމެނިވަޑައިގަންނަވަ އެވެ.