ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަަގަން ޖެހޭ ކަަމަށާ ނަމަވެސް އެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުރަސް އަޅުއްވާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަަޝީދާއި އެމަނިކުފާނުގެ ވަފާތެރި ބޭފުޅުން ދައްކަވާ ވާހަކަތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަަދު ސަމީރު، މުހިންމު ސުވާލެއް ކުރިމަތި ކުރައްވައިފި އެވެ.
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް މަސައްކަތް ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް އެފަދަ ގަރާރެއް ހުށައަޅާ އެ ގަރާރު ފާސްކޮށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް އެމަނިކުފާނު އުންމީދު ކުރައްވައެވެ.
ނަމަވެސް ރައީސް ސޯލިހް ވަނީ ނަޝީދުގެ ގަރާރަށް ތާއީދު ނުކުރައްވާ ކަމަށް ވަރަށް ސާފު ބަހުން ވިދާޅުވެފައެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލުމަށްވެސް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެދިވަޑައިގެންނެވީ ނަޝީދު ހުށައެޅުއްވި ގަރާރު އަނބުރާ ގެންދެވުމަށެވެ. އެމްޑީޕީއަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށް ވިދާޅުވެ ރައީސް ސޯލިހް މިހާރު އެކަމާއި ދެކޮޅު ހައްދަވާތީ ނަޝީދުގެ ވަފާތެރި މެންބަރުންގެ ފާޑުކިޔުން ވަނީ ބޮޑުވެފައެވެ.
އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ފެށުނީއްސުރެ އެއް ވާހަކައެއް ދައްކާ މީހާ އާއި ދެއިރު ދެ ދަޅައަށް ވާހަކަ ބަދަލުކުރާ މީހާގެ ތެރެއިން ތެދުވެރިކަން ބޮޑީ ކާކުގެ ކަން އެކަކަށްވެސް ނޯޅޭނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ ސަމީރު ވަނީ އެއް ގޮތެއްގައި އަދި އެއް ކަމެއްގައި ދެ ގޮތެއް ނުވެ ހުރި މީހަކަށް އަމިއްލަ އިހްތިޔާރުގައި ނިޒާމް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް 2008 ކުން 2012 އަށް ވެރިކަން ކުރަން ފުރުސަތު ލިބުމުން އެކަން ނުކުރެއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 115 މާއްދާގެ ޏ އިން ލިބިފައިވާ ފުރުސަތުގެ ބޭނުން ނުކޮށް މިއަދު އެކަން ރައީސް ސާލިހް ލައްވާ ކުރުވަން އުޅެނީ އިހްލާސްތެރި ވީމަތޯ ސުވާލު ކުރެއްވިއެވެ.
ގާނޫނު އަސާސީގެ 115 މާއްދާގެ ޏ ބުނެފައިވަނީ ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.