ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ އޮތީ ހައްސާސް ފައްތަރެއްގައި: ނަޝީދު

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
100%

އެމްޑީޕީ އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި ކަމަށާ ޕާޓީއަށް ތާއީދު ކުރާ އެތައް ބައެއްގެ ވިންދަށް ގޮންޖަހާ ހޯދޭނެ ކުރިއެރުމެއް ކާމިޔާބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ފެށުމުގެ ގޮތުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ބަދަލުގެ ޕާޓީއެއް ކަމަށާ އިންސާނުންގެ ތޮބީއްޔަތަކީވެސް ބަދަލަށް އެދުން ކަމަށެވެ. އެމްޑީޕީއަކީ ވަރަށް ޒުވާން ޕާޓީއެއް ކަމަށް ސިފަ ކުރައްވާ ވިދާޅުވީ ޒުވާން ކަމުގެ ޒޯޝަކީވެސް ބަދަލަށް ގޮވުން ކަމަށެވެ.

އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަަޅު އެއްޗެއް ހޯދުމަށް ކަމަށް ވިދާޅުވެ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ. އެމްޑީޕީ ހައްސާސް ހާލަތެއްގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވީ ނިޒާމު ބަދަލު ކުރުމާމެދު އެ ޕާޓީގައި ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އޮތުމުންނެވެ.

"އަޅުގަނޑުމެން އެންމެނަށްވެސް ވަރަށް ސާފު މި ޕާޓީ މި އޮތީ ވަރަށް ހައްސާސް ފައްތަރެއްގައި. ޕާޓީގެ އެއްބަޔަކު ދެކެނީ ވެރިކަމުގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލު ނެތް ކަމަށް. ވެރިކަން މި ކުރަމުން ގެންދާގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަންވީ ކަމަށް. ޕާޓީގެ އަނެއް ބަޔަކު ދެކެނީ ބަދަލުވާން ޖެހޭ ކަމަށް. މިރާއްޖޭގައި ވެރިކަން ކުރާ ގޮތާއި އެވެރިކަން ކުރާ ވައްޓަފާޅިވެސް އަދިވެސް ބަދަލުވާން ޖެހޭ ކަމަށް،"

ނަޝީދު މިރޭވެސް ވިދާޅުވީ އޮބިއެޅުމާއި ހުއްޓުވުމަކީ ތަރައްގީއަށް އޮތް ހުރަސް ކަމަށާ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުން ގަބޫލު ކުރާ ކުރުން ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުން ކުރާ ސުވާލު އެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ. އެ ބަހުސް މިރޭ ފެށުނު ކޮންގްރެސްގައި ވަރަށް ބާރަށް ދެކެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މަގުން ނޫނީ ކާމިޔާބެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ޕާޓީއަށް ތާއީދު ކުރާ އެތައް ބައެއްގެ ވިންދު އިހުސާސް އުންމީދު ހުރަސްކޮށް ނަތާލާ ގޮންޖަހާ ކުރިއަށް ގޮސް އަޅުގަނޑުމެންނަށް ހޯދޭނެ ކާމިޔާބެއް ނެތް. މި ޕާޓީގެ ހުރިހާ މެންބަރުންނަށް އެކުގައި ތިބެވޭނެ ގޮތް ނޫން ގޮތެއްގައި އަޅުގަނޑުމެންނަށް ކާމިޔާބު ހޯދެން ނެތްކަން އަޅުގަނޑަށް ކަށަވަރު،"

އެމަނިކުފާނު ވިދާޅުވި ގޮތުގައިު 2007 ގައި ރައްޔިތުންގެ މައްޗަށް ރިޔާސީ ނިޒާމެއް ގެނައީ މަޖުބޫރު ކުުރުމެއްގެ ތެރެއިންނެވެ. އެ އަހަރު ބޭއްވުނު ފެންނަ ނުފެންނަ ވޯޓް ނަތީޖާ އޭރު އޮތް ކޮމިޝަނުން ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910