އެމްޑީޕީ

ކޮންގްރެސްގެ ސައްހަ ކަމާމެދު ސުވާލެއް ނެތް

އެމްޑީޕީގެ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ އެއް ނެތް ކަމަށް ކޮންގްރެސް ކޮމެޓީން ބުނެފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓް ކޮށްފައިވާ ގިނަ މަންދޫބުންނާމެދު ސުވާލު އުފައްދާފައެވެ. އެގޮތުން އެއީ ގޮފި ގަވާއިދާ އެއްގޮތަށް އިންތިހާބު ކޮށްފައިވާ ބައެއް ނޫން ކަމަށާ އަދި ގޮފިތަކުން ކޮންގްރެސްގައި ތަމްސީލު ކުރާ މީހުންގެ މައުލޫމާތު މިވަގުތާއި ހަމައަށްވެސް ހިއްސާކޮށްފައިނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެފަދަ ބަޔަކު ކޮންގްރެސްގައި ބައިވެރިވެއްޖެ ނަމަ ކޮންގްރެސްގެ ގާނޫނީ ހައިސިއްޔަތާމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެންދާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް އާޒިމް ފޮނުވި ސިޓީގައި ވަނީ ކޮންގްރެސްއަށް ނޮމިނޭޓް ކޮށްފައިވާ ގޮފިތަައް ތަމްސީލުކުރާ މަންދޫބުންގެ ގާނޫނީ ހައިސިއްޔަތާއިމެދު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުންގެ މެދުގައި ކަންބޮޑުވުން ފާޅުކުރަމުުންދާތީ ގޮފިތަކުން ކޮންގްރެސްގައި ބައިވެރިވާ ރައީސުންނާއި ނުވަތަ ނާއިބު ރައީސުންގެ ގާނޫނީ ހައިސިއްޔަތު ކަަށަވަރު ކުރުމަށް ފަހު ނޫނީ ކޮންގްރެސް ކުރިއަށް ނުގެންދިއުމަށް އެދިފައެވެ.

މިރޭ ފަށަން އޮތް ކޮންގްރެސްއާ ގުޅޭގޮތުން ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ މި ފަހަރުގެ ކޮންގްރެސްއަކީ އެންމެ ސައްހަ ކޮންގްރެސް ކަމަށެވެ. މިއީ އެންމެ ގިނަ ގޮފި ރައީސުން ބައިވެރިވާ ކޮންގްރެސް ކަމަށެވެ. އަދި މުޅި ކޮންގްރެސްގައި ބައިވެރިވާ ހުރިހާ މަންދޫބުންނަކީ އިލެކްޝަންސް ކޮމިޝަންގައި އޮތް އެމްޑީޕީގެ ދަފްތަރުގައި ތިބި މެންބަރުން ކަަމަށް ވިދާޅުވިއެވެ.

"މިއަށްވުރެ ސައްހަކޮށް އަދި މިއަށްވުރެ އަސާސީ ގަވާއިދާ އެއްގޮތަށް ބޭއްވޭ ކޮންގްރެސްއެއް ނޯންނާނެ. ކޮންގްރެސްގައި ބަައިވެރިވާ ހުރިހާ މެންބަރުންނަކީ އިލެކްޝަންސް ކޮމިޝަންގައި އޮތް އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މީހުން. އަނެއްކާ އެންމެ ގިނައިން މި ބައިވެރި ވަނީ ގޮފި ރައީސުން. އަނެއްކާ އެެއްވެސް މެންބަރަކު އެއް ގޮތްޕަށްވުރެ ގިނަ ގޮފީގައި ނޯންނާނެ،" ވަހީދު ވިދާޅުވިއެވެ.