އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމާ ހަވާލުކޮށްފި އެވެ.
ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލްވާ ގޮތަށް ކޮންމެ ރަށަކުން ބޭފުޅެއްގެ ބައިވެރިވުމާއި އެކު ޕާޓީގެ ލީޑަޝިޕް ހިމެނޭ ގޮތަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ޖަލްސާގަ އެވެ.
"ހަވާލޭ ވަތަން"ގެ ނަމުގައި މިޖަލްސާ ކުރިއަށްދާއިރު މުޅި އެ ސަރަހައްދު ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ. އެގޮތުން ކުލަބޮތްކާ ފިޔާތޮށި ފޮތިން ޒީނަތްތެރި ކޮށްފައިވާ މިޖަލްސާގައި ބައިވެރިވުމަށް އަތޮޅުތެރެއިން ގިނަ އަދަދެއްގެ ޕީޕީއެމް މެންބަރުން ވަނީ އިއްޔެއާއި މިއަދު މާލެއަަށް އައިސްފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އޮތް ޕީޕީއެމް ޕީއެންސީ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް އަރުވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް ކުރީން އޮތް ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިންތިހާބުގައި ވާދަކުރުމަށް އޮތް ހުރަސް ވަނީ ނެތިގެން ގޮސްފަ އެެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ދެ މައްސަލައެއްގެ ޝަރީއަތް އެބަ ހިނގައެވެ. އެއިން ދައުވާއެއް ސާބިތުވެއްޖެނަމަ އިންތިހާބުގައި ވާދަ ކުރުމުގެ ފުުރުސަތު ގެއްލޭނެ އެވެ. ނަމަވެސް އިދިކޮޅު ދެ ޕާޓީގެ ވެރީން ވަނީ ރައީސް ޔާމީނަށް ރިޔާސީ ރޭހުން ދެން ފުރުސަތު ގެއްލުވާ ނުލެވޭނެ ކަމަށެވެ.