ރައީސް އަބްދުﷲ ޔާމީން

"ޒީރޯ ޓޮލެރެންސް"ގެ މާނަ އޮޅިއްޖެ: ޔާމީން

Aug 19, 2022
1

ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޕްރޮމޯޓް ކުރައްވަމުން ގެންދަވާ "ޒީރޯ ޓޯލޮރެންސް"ގެ މާނަ އޮޅިއްޖެ ކަމުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ހަވާލުކުރުމަށް މިރޭ ބޭއްވި "ހަވާލޭ ވަތަން"ގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކޮރަޕްޝަން އިންޑެކްސްގަ ރާއްޖެ މިއަދު އޮތީ އެންމެ ފުލުން 40 ގައުމުގެ ތެރޭގައި ކަމަށެވެ.

މިއަދުގެ ސަރުކާރުން މިރާއްޖެ ކޮރޮޕްޝަންގެ ހާއްޔަކަށް ހަދާފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވި އެވެ. ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކޮރަޕްޝަންގެ އަމަލުތައް ހިންގެވުމަށްޓަކައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ "ސެޓްލްމަންޓް އެގްރިމަންޓް" ތަކެއްގެ ނަމުގައި އެއްބަސްވުންތަކެއް ހަދާ ދައުލަތުގެ ފައިސާ ގާތް މީހުންނަށް ބަހާލުން ކަމުގައި ވިދާޅުވި އެވެ.

އެގޮތުން ނޫމަޑި އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި މި ސަރުކާރުން ދިން ފައިސާގެ ބޮޑު ބަދަލަށް ރައީސް ޔާމީން ފާޑުވިދާޅުވި އެވެ. އެބަދަލަކީ ނޫމަޑި އިންވެސްޓްމަންޓަށް ދޭންޖެހޭ ބަދަލެއް ކަމަށް އެމަނިކުފާނު ގަބޫލެއް ނުކުރައްވަ އެވެ. ނޫމަޑި އިންވެސްޓްމަންޓް އެއްބަސްވުން އެންމެ ފުރަތަމަ ހެދީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށާއި އެ އެއްބަސްވުން އެމަނިކުފާނުގެ ސަރުކާރުގައި ބާތިލްކުރީ އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމުން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ނޫމަޑި އިންވެސްޓްމަންޓަށް ދިވެހި ސަރުކާރުން ދޭން ޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި އޭގެބަދަލުގައި ސަރުކާރަށް ފައިސާ ލިބެންޖެހޭނީ ނޫމަޑީގެ ފަރާތުން ކަމަށެވެ. އަދި ވިދާޅުވީ ނޫމަޑިއަށް ބަދަލުގެ ގޮތުގައި ލިބުނު ފައިސާ ބައި އެޅިގެން ދިޔަ ގޮތް އެނގޭނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުން ފައިސާ ދޭން ބޭނުންވާ އެންމެންނަށް ބަދަލުގެ ގޮތުގައި ކަމަށް ބުނާ ދައުލަތުގެ ފައިސާ ބަހާ ނިންމުމަށްފަހު ބަދަލުގެ ގޮތުގައި ދޭ ފައިސާގެ ކަންކަން ބަލައި ހަމަޖައްސަން އުފެއްދި ސެޓްލްމަންޓް ކޮމިޓީ ވެސް މިހާރު އުވާލާފައިވާ ކަމަށެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން މިސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް އިންތިހާބު އޮބްޒާވް ކުރި ކޮމަންވެލްތުގެ މަންދޫބުން ފާހަގަކޮށްފައިވާ ކަމުގައި ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާ މެދު ފިޔަވަޅު އެޅުމުގެ ބަދަލުގައި ފެންނަނީ އިންތިހާބުތަކުގައި ސަރުކާރުން ނުފޫޒު ފޯރުވާ މަންޒަރު ކަމުގައި ވިދާޅުވި އެވެ.

"އިންތިހާބަކާ ދިމާވުމުން ސަރުކާރުގެ ކުންފުނިތައް ކަމަށްވާ ފެނަކަ، ސްޓެލްކޯ އިން ވަޒީފާތައް އެބަ އުފައްދާ. އިންޖީނުގެއެއްގެ ކެޕޭސިޓީ އިތުރުނުވާނަމަ ވަޒީފާތަކެއް ކުއްލިއަކަށް އިތުރުވެގެން ނުދާނެ. އެކަމަކު އިންތިހާބު ކައިރިވުމުން އެއްއިންޖީނުގެ އިން 17 ވަޒީފާ އެބައުފައްދާ. މިކަމަށް ޖަވާބުދާރީވާން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ގާނޫނުއަސާސީގެ ދަށުން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން އެ އިދާރާތަކުގެ ދައުރު އަދާނުކުރާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ އިދާރާތަކަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދުނިޔެ ގަބޫލުކޮށްފައިވާ އެންމެ ރަނގަޅު ނިޒާމަކީ ޑިމޮކްރެޓިކް ނިޒާމު ކަމަށެވެ. އެކަމަކު ރައީސް ސޯލިހްގެ ކެރުންތެރިކަމާއި ގާބިލްކަން ނެތުމުން ރާއްޖޭގައި އޮތް ޑިމޮކްރެޓިކް ނިޒާމު މުޅިން އަނިޔާވެރި ކުފޫ ހަމަނުވާ ނިޒާމަކަށް ބަދަލުވެގެން ގޮސްފައިވާ ކަމުގައިވެސް

"ރާއްޖޭގައި މިއޮންނަ ޑިމޮކްރެޓިކް ނިޒާމަކީ ރައްޔިތުންނަށް ދޯކައިދޭ ނިޒާމަކަށް މިވަނީ ބަދަލުވެފައި. އެއީ ނުފުއްދޭނެ ވައުދުތައްވެ، އެނގިހުރެ ރައްޔިތުންނަށް ހަރާންކޯރުވުމުން،" ރައީސް ޔާމީން ވިދާޅުވި އެވެ.