ހަބަރު

ދައުވާ ކުރަނީ މޭޑޭގައި ބަޑިއެއް ގެންގުޅުނު ކަމަށް ބުނެ: އަދީބު

Jan 10, 2016
  • ވަކީލަކު ހަމަޖައްސަން ދިނީ 15 ދުވަސް
  • ދައުވާ ސާބިތުވެއްޖެ ނަމަ، 10-15 އަހަރުގެ ހުކުމެއް އަންނާނެ
  • ކުރަނީ ޓެރަރިޒަމްގެ ދައުވާ

ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މޭޑޭ މުޒާހަރާ ބޭއްވި ދުވަހު ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ ބަޔަކު ދީފައިވާ ހެކިބަހެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދުގެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގައި، ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ ހުލާސާ ބަޔާނުން އެނގޭ ގޮތުގައި ދެ މީހަކު ވަނީ އެމަނިކުފާނު މޭޑޭގައި ބަޑިއެއް ހިއްޕަވައިގެން އުޅުނު ކަމަށް ބުނެ ހެކި ބަސް ދީފަ އެވެ. ޝަރީއަތުގެ މަޖިލީހުގައި އަދީބު އަދި ވިދާޅުވީ، ދައުލަތުން އުފުލާފައިވާ ދައުވާއާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގޭ ކަމަށާއި ހުރިހާ ލިޔެކިޔުމެއް ލިބިފައިނުވާ ކަމަށެވެ. އަދީބު ވަނީ ހުރިހާ ލިޔެކިޔުމެއް ލިބިފައިނުވާތީ ވަކީލަކު ހަމަޖެއްސުމަށް އުނދަގޫވާ ކަމަށް ވިދާޅުވެފަ އެވެ. ވަކީލަކު ހަމަޖެއްސުމަށް 30 ދުވަސް ދިނުމަށް އަދީބު އެދިވަޑައިގަތެވެ.

އެހެން ނަމަވެސް ވަކީލަކު ހަމަޖެއްސުމަށް ގާޒީ އަދީބަށް ދެއްވީ 15 ދުވަހުގެ މުއްދަތެކެވެ.

ގާޒީ ވަނީ މައްސަލައިގެ ހުރިހާ ލިޔެކިޔުމެއް ފަސް ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އަންގާފައެވެ. ދައުލަތުގެ ވަކީލް ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު އާރިފް ވިދާޅުވީ، މައްސަލާގެ ގިނަ ލިޔެކިއުންތަކަކީ ސިއްރު ލިޔެކިއުންތަކެއް ކަމަށާއި އެ ތަކެތި ހުށަހަޅާނީ ގާޒީންގެ އަތްޕުޅަށް ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް ދެން އޮންނާނީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 2:00ގަ އެވެ.