ބުނާތީ އަހަމެވެ. އުފާވެރިކަމުގެ ތަޅުދަޑި އަކީ ހުރިހާ ކަމެއްގައި ވެސް ރީތިކަން ހޯދައި ދެނެގަތުމެވެ. ވަރަށް ފުރިހަމަ ވާހަކަ އެކެވެ.
ކުރާ ކޮންމެ ކަމަކުން ވެސް ހިތް ހަމަޖެހުމާއި ރީތިކަން ހޯދިދާނެ އެވެ. ހަމަ އެހެންމެ ކޮންމެ މީހެއްގެ ކިބައިގައިވެސް އަދި ކޮންމެ ކަމެއްގައިވެސް ރަގަޅުކަމާއި ހެޔޮ ކަންތައްތަކެއް ހުންނާނެ އެވެ. އެހެންނަމަވެސް ބައެއްފަހަރު އަހަރުމެންގެ ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަހަރެމެންގެ ވަށައިގެންވާ ރީތިކަން އަހަރެމެންނަކަށް ދެނެ ނުގަނެ ވެއެވެ. ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރެވިފައިވާ ގޮތުންނެވެ.
އަބަދު އުޅެން މިޖެހެނީ އެވެނި، މިވެނި ކަމެއް ނުވެގެންނެވެ. ބުނެލަން އޮތީ ދިރިއުޅުމުގައި ކަންކަމާއި ދިމާވާނެ ވާހަކަ އެވެ. އެކަން ގަބޫލުކުރާށެވެ. ހިތްހަމަނުޖެހޭ މާހައުލުތަކުން ދުރުވެ ގަންނާށެވެ. ކަންކަމުގެ އަސްލު ދެނެގަންނާށެވެ. ބައެއް ދަތި އުދަގޫތަކާއި ކުރިމަތިވަނީ ކޮންމެހެން އަހަރެމެންގެ ގޯހުން ކަމަށް ނުދެކޭށެވެ. ބައެއްފަހަރު ކުރެވޭ ރަގަޅު ކަންތަކުންވެސް އުދަގުލާ ދައްޗާ ކުރިމަތިލާން ޖެހެ އެވެ. މާޔޫސް ނުވާށެވެ.
ދިރިއުޅުމުގައި ގޮންޖެހުންތަށް ގިނަވާނެކަން ދަންނާށެވެ. ކޮންމެ ގޮންޖެހުމަކާއި އެކުވެސް ކަންކަމާ ކުރިމަތިލުމުގެ ހިތްވަރު ގެއްލުވާނުލާށެވެ. ބައެއް ފަހަރު ތަކުރާރުކޮށް އެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެހެންވުމުން ބައެއް މީހުންގެ މޯޓިވޭޝަން ގެއްލޭ ގޮތް ވެއެވެ. ދެން މީހާ ވައްޓާލަނީ މާޔޫސް ކަމުގެ ތެރެއަށެވެ. އެފަދަ ވިސްނުން ގެންގުޅޭ މީހުންނަކީ ވަރަށް ގިނަފަހަރު ޑިޕްރެޝަން ފަދަ ކަންކަމުގައި ނޭގި ނަމަވެސް ޖެހިގެންދާ މީހުންނެވެ.
ހަނދާން ބަހައްޓާށެވެ. ތިމާގެ ހާލަތަށް ވުރެ ތިމާ ވަރުގަދަ ވާންޖެހެ އެވެ. އަހަރެމެންނާ ދިމާވާ ހުރިހާ ކަމެއް ހުއްޓުވާއެއް ނުލެވޭނެ އެވެ. އެހެން ނަމަވެސް އެ ދިމާވާ ކަންތައްތަކާ ކުރިމަތިލާންވީ ގޮތް އިހުތިޔާރު ކުރެވިދާނެ އެވެ. ޝަކުވާކުރުން ހުއްޓާލައި އެއިގެ ބަދަލުގައި އަހަރެމެންނަށް ހާސިލްކުރެވިފައިވާ ރަގަޅު ކަންކަމާއި މެދު ވިސްނާލާ ޝުކުރުވެރިވާށެވެ.
އިހުގެ މީހުން ކިޔާ އުޅެ އެވެ. ކުޑަވަގުތު ކޮޅަކަށް އުފާވެރިކަން ބޭނުންނަމަ، ދުވާލުގެ ވަގުތު ކޮޅެއްގަ ނިދާލާށެވެ. މިކިޔާ އުޅޭ ޕަވާ ނެޕް ނަގާށެވެ. ދުވާލަކަށް އުފާވެރިކަން ދެމިގެންދާން ބޭނުންނަމަށް ކަނޑުމަތީގައި ވަގުތު ތަކެއް ހޭދަ ކޮށްލާށެވެ. ނޫނީ މަސްބާނަން ދާށެވެ.
މުޅި އުމުރުގައި އުފަލުގައި އުޅެން ބޭނުންވާނަމަ ބޭނުންޖެހިފައި ތިބޭ މީހުންނަށް އެހީތެރިވާށެވެ. މީ ތެދަކަށް ވެސް ވެދާނެ އެވެ. ނިކަމެތިންނާއި އަޅާލުމުން އެމީހަކަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިދެ އެވެ. ބުނަން ނޭގޭ ފަދަ އުފާވެރި އިހުސާސް ތަކެއް ކުރުވަ އެވެ.