ހަބަރު

ނައީމް އަނެއްކާ ވެސް އީޕީއޭގެ އިސްވެރިއަކަށް ހަމަޖައްސައިފި

Jan 11, 2016

އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލަކަށް ހުންނަވަނިކޮށް އެ މަގާމުން ދުރުކުރި އިބްރާހިމް ނައީމް އަލުން އެ މަގާމު ދީ އެތަން ހިންގުން އޭނާއާ ހަވާލުކޮށްފި އެވެ.

ޓްއަރިޒަމް މިނިސްޓްރީގެ ދަށަށް އީޕީއޭގެ ބައެއް ކަންކަން ބަދަލު ކުރުމާ ގުޅިގެން، އެކަމުގެ ތެރޭގައި އުފެދުނު ހިތްހަމަ ނުޖެހުންތަކުގައި ނައީމް ވަނީ އީޕީއޭގެ ޑިރެކްޓަރުން ޖެނެރަލް ކަމުން ދުރުކޮށް ބަޔޯސްފިއާ ރިޒާވް އޮފީހަށް ބަދަލުކޮށްފަ އެވެ.

އެހެން ނަމަވެސް، "އަވަސް" އަށް އެނގިފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ތެތޭގައި ނައީމް މިހާރު ވަނީ އަލުން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލްކަމަށް ހަމަޖައްސައިފަ އެވެ. އެ ބަދަލު ގެނައީ އޮފިޝަލަކު ވިދާޅުވި ގޮތުގައި އީޕީއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުންނެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ގާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން ޓޫރިޒަމަށް ތަރައްގީ ކުރާ ތަންތަނުގެ އީއައިއޭ ރިޕޯޓް ފާސް ކުރުން ފަދަ މަސައްކަތްތައް ވަނީ ޓޫރިޒަމްގެ ދަށަށް ބަދަލުކޮށްފަ އެވެ. ނައީމް ވަނީ އެކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންތަކެއް ލިބިދާނެތީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.