ދިރާގު

14 އަހަރުން ދަށުގެ ޓެނިސް ޓީމުގެ ޕާޓްނަރަކަށް ދިރާގު

މިމަހުގެ 17 އިން 30 ވަނަދުވަހުގެ ނިޔަލަށް ތައިލެންޑްގައި ކުރިޔަށްދާ އިންޓަނޭޝަނަލް ޓެނިސް ފެޑަރޭޝަން (އައި.ޓީ.އެފް) އޭޝިޔާ އަންޑަރ-14 ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕްގެ ޑިވިޝަން ދެއެއް ގައި، ދިވެހިރާއްޖެ ތަމްސީލުކުރާ 14 އަހަރުން ދަށުގެ ޓީމުގެ މެއިން ޕާރޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއީ ދިވެހިރާއްޖޭގައި ޓެނިސް ކުރިއަރުވާ އާލާކުރުމުގެ ގޮތުން، ހުނަރުވެރި ކުޅުންތެރިން ތަމްރީން ކުރުމަށްޓަކައި ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ތިން އަންހެން ކުޅުންތެރިންނާއި ތިން ފިރިހެން ކުޅުންތެރިޔަކަށް ލިބިފައިވާ ފުރުސަތެކެވެ. އެގޮތުން މި ކޭމްޕުގައި، އެއް ދުވަހުގެ ޓްރެއިނިންގ ކޭމްޕެއްގެ އިތުރުން ފަސް ދުވަހުގެ ދެ މުބާރާތެއްގައި މި ކުދިން ވާދަކުރާނެއެވެ. ބަންގްލަދޭޝް، ކެމްބޯޑިޔާ، ސިންގަޕޯރ، ދެކުނު ކޮރެއާ، ތުރުކްމެނިސްތާން ފަދަ ޤައުމުތައް ހިމެނޭ ގޮތަށް 16 ގައުމެއް މި މި ކޭމްޕުގައި ބައިވެރިވާނެއެވެ.

މިމުބާރާތަކީ، ހުނަރުވެރި ކުޅުންތެރިން ދުނިޔޭގައި އުފެއްދުމުގެ މަގުސަދުގައި ގާއިމްކުރެވިފައިވާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ގްރޭންޑް ސްލޭމް ޑިވެލޮޕްމަންޓް ފަންޑުން ސަޕޯރޓްކުރާ އިވެންޓެކެވެ.

ދިރާގަކީ ޒުވާނުން ތަރައްޤީކޮށް ކުޅިވަރުތައް ދިރުވައި އާލާކުރުމަށް އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއްދޭ ކުންފުންޏަކަށްވާއިރު، މިއީވެސް އެފަދަ ވިސްނުމެއްގެ ތެރެއިން ވެވުނު އެއްބަސްވުމެއް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މި އެއްބަސްވުމާއި ބެހޭގޮތުން ދިރާގުގެ މާކެޓިންގ ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ މުހަންމަދު މިރުޝާން ހަސަން ވިދާޅުވީ، "ކުޅިވަރުތައް އިތުރަށް ތަރައްގީކޮށް އެފަދަ ކަންކަމުގައި ޒުވާނުންނަށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުމަކީ ދިރާގުގެ ވަރަށް މުހިންމު އެއް އަމާޒެއް އެގޮތުން މި އެއްބަސްވުމަކީވެސް ޓެނިސް ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ދިރާގުން ވާ ބައިވެރިވުމެއް، އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ ކޭމްޕްތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ޓެނިހުގެ ކުރިމަގު ރާއްޖޭގައި އުޖާލާވެގެންދިޔުން،"

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އޮފިޝަލް އަދި ދިވެހިރާއްޖެ ތަމްސީލުކުރާ 14 އަހަރުން ދަށުގެ ޓީމުގެ މެނޭޖަރ އަހުމަދު އަކުރަމް ވިދާޅުވީ، "ކުޅިވަރުގެ ކަންކަމުގައި، ހާއްސަކޮށް ޒުވާން ކުޅުންތެރިން އުފެއްދުމަށް ދިރާގުން ވެދެއްވާ އެހީތެރިކަން ކުޅިވަރަށް ލޯބިކުރައްވާ އެންމެހާ ފަރާތްތަކުން ފާހަގަކުރަން. އަދި މިފަދަ ކަންކަމުގައި ދިރާގުގެ ފަރާތުން ވެދެއްވާ އެހީތެރިކަމަކީ ރާއްޖޭގައި ޓެނިހުގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިޔުމަށް ލިބިގެންދާނެ އިތުރު ބާރެއް. އެހެންކަމުން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެނޭޖްމަންޓްގެ ނަމުގައި ދިރާގަށް ޝުކުރުދަންނަވަން."

ދިރާގުން އުންމީދު ކުރަނީ މި ކޭމްޕަކީ، ކޭމްޕްގެ ބައިވެރިންނަށް ވާދަވެރި މާހައުލެއްގައި އަގުހުރި ތަޖުރިބާތަކެއްލިބި، އިތުރު ކުރިއެރުންތަކެއް އެކުދިންނަށް ލިއްބައިދޭނެ މުބާރާތެއް ކަމުގައި ވެގެން ދިޔުން ކަމަށް ދިރާގުން ބުނެއެވެ.