އެމްޑީޕީގެ ކޮންގްރެސްގައި އެމްޑީޕީން ނޫން ވަޒީރުން އިޝްތިހާރު ނުކުރުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ނަޝީދު މިކަމަށް އެދިވަޑައިގަތީ މިއަދު ހެނދުނު ކުރިއަށް ދިޔަ ކޮންގްރެސްގެ ސެޝަންގައި ހެރިޓޭޖު މިނިސްޓްރީގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި މަނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ތޯރިގު، ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫނަށް ތައުރީފްގެ ބަހެއް ވިދާޅުވުމާ ގުޅިގެންނެވެ.
ތޯރިގުގެ ފަހުން ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ވަޒީރުންގެ ވާހަކަ ދެއްކެވުމަކީ އެ މަނިކުފާނު އެދިވައިގަންނަވާ ގޮތެއް ނޫން ކަމަށެވެ.
"މި ކޮންގްރެސްގައި ރަނގަޅީ އެހެން ޕާޓީތަކުގެ ވަޒީރުން އިޝްތިހާރު ނުކުރުން. މިއީ އެމްޑީޕީގެ ކޮންގްރެސްއެއް. މިއީ ވާދަވެރި ސިޔާސީ ޕާޓީއެއް. އަޅުގަނޑުމެން ބޭނުމެއް ނޫން މި ތަނުގައި އެހެން ޕާޓީތަކުގެ ފަލްސަފާއެއް ވެސް، ވަޒީރުން ވެސް އަދި އެގޮތަށް މި ރާއްޖޭގެ ކަންތައްތައް ހިންގާކަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ބައެއް ބައިވެރިންނާ ރައީސް ނަޝީދާ ދެމެދު މިއަދު ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. އަދި އެކަމުގެ ތެރޭގައި ބައެއް ބޭފުޅުން ވަނީ ކޮންގްރެސް ހޯލްގައި ރައީސް ނަޝީދާ ދެކޮޅަށް އަޑުއުފުލާފަ އެވެ. މައްސަލަ ހޫނުވީ ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކާއި އެ ގޮފިތަކުގެ ރައީސުންގެ ގާނޫނީ ހަސިއްޔަތާ މެދު ރައީސް ނަޝީދު ސުވާލު އުފެއްދެވުމުންނެވެ.
ރައީސް ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ. އެ ގަރާރު ފާސްވާނެ ކަމަށް ނުބެލެވޭއިރު ރައީސް ނަޝީދު ގެންދަވަނީ ކޮންގްރެސްގައި ބައިވެރިވާ މެންބަރުންނަށް އާދޭސް ދަންނަވައިގެން އެ ގަރާރު ފާސްކުރުމަށް މަސައްކަތް ވެސް ކުރައްވަމުންނެވެ.