ބައިސްކޯފަށް މުޅިން އަލަށް އަންނަ ކޮންޓެންޓްތައް ދައްކާލައިފި އެވެ.
ކޮންޓެންޓްތައް ދައްކާލާފައިވަނީ މިކަމަށް ހާއްސަ ކޮށްގެން ބައިސްކޯފުގައި ބޭއްވުނު އިވެންޓެއްގައެވެ. މި އިވެންޓްގައި އަލަށް ގެނެވޭ ކޮންޓެންޓްތަކުގެ ކާސްޓުންނާއި ކްރޫއިންގެ އިތުރުން ދާއިރާގައި ހަރަކާތްތެރިވާ އަދި ދާއިރާއަށް ހިދުމަތް ކޮށްދީފައިވާ ފަންނާނުން ބައިވެރިވެފައިވެއެވެ.
ބައިސްކޯފުގެ ކުރިއަށް ހުރި ކޮންޓެންޓްތަކުގެ ތެރޭގައި "ސްޓެސިސް" އަލްބަމް އަދި "ގުދަން" ނަމުގައި ގެނެސްދޭ ވެބްސީރީޒްގެ އިތުރުން "ނެތީމޭ" ނަމުގައި ގެނެސްދޭ ވެބްސިރީޒް އާއި "ޑާކްރެއިން ކްރޮނިކަލްސް" ނަމުގައި ގެނެސްދޭ ވެބްސީރީޒް ހިމެނެއެވެ.
"ސްޓެސިސް" އަލްބަމް އަކީ ކުޅަދާނަ ގިޓަރިސްޓް ޝަހީދު ލެގަސީ ގެ އުފެއްދުމެކެވެ. މިއީ ޝަހީދުގެ ފަސްވަނަ ސޯލޯ އަލްބަމެވެ. މި އަލްބަމްގައި ހިމެނެނީ ހަތް އިންސްޓްރޫމެންޓަލް ޓްރެެކެވެ. އެއީ ކެތާސިސް އާއި ޕެރެޑޮކްސް އާއި ސްޓެސިސް އާއި އިލީޒިއަން އާއި ރެވަރީ އާއި ސްޓެލިފައި އަދި އިތްރިއަލް އެވެ.
މި އަލްބަމް ލޯންޗް ކޮށްފައި މި ވަނީ ކޮވިޑްގެ ބަލިމަޑުކަމާއި އަދި އޮޅިގެން އަލްބަމްގެ ހުރިހާ މަސައްކަތެއް ޑިލީޓް ކުރެވުން ފަދަ ކަންކަމާހެދި އަލްބަމް ނެރުން ވަރަށް ބޮޑަށް ލަސްވެފައި ވަނިކޮށެވެ. މި އަލްބަމާއެކު ރިލީޒްކުރެވުނު ބައިސްކޯފުގެ ކޮންޓެންޓްތަކުގެ ތެރޭގައި ހިމެނޭ "ގުދަން" ސީރީޒް ގެ ބެކްމިއުޒިމް ކޮމްޕޯޒްކޮށްފައިވަނީވެސް ޝަހީދެވެ.
"ގުދަން" ވެބް ސީރީޒްއަކީ އޯކޭޒްއިންކާއި ބައިސްކޯފު ގުޅިގެން ބައިސްކޯފުން ރިލީޒްކުރި ސީރީޒެކެވެ. ސީރީޒް ދައްކަން ފަށާނީ މިރޭ ބައިސްކޯފު އެޕްލިކޭޝަނުންނެވެ. އޯކޭޒްއިންކުން މުޅިން އާ ކޮންސެޕްޓަކަށް ގެނެސްދޭ މި ސީރީޒް އަކީ މުޖުތަމައުގައި ހިނގަމުންދާ އެކި އިޖްތިމާއީ މައްސަލަތަކާއި ގުޅުވައި އުފައްދާ ތްރީލާއެކެވެ. 12 އެޕިސޯޑުގެ މި ސީރީޒްގެ އައި އެޕިސޯޑެއް ކޮންމެ އާދިއްތަ ދުވަހުގެ ރޭ ގެނެސްދޭ އެވެ.
"ނެތީމޭ" ވެބް ސީރީޒްއަކީ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ މޫމިން ފުއާދު ލިޔެ ޑައިރެކްޓް ކުރާ ސީރީޒެކެވެ. މި ސީރީޒް އަކީ ކްރައިމް
ތްރިލާއެކެވެ. ފަސް އެޕިސޯޑްގެ މި ސީރީޒް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ބައިސްކޯފުން ދައްކަން ފަށާނެ އެވެ.
"ޑާކްރެއިން ކްރޮނިކަލްސް" ވެބް ސީރީޒްއަކީ ޑާކްރެއިން އެންޓަޓެއިންމަންޓާއި ގުޅިގެން ގެނެސްދިނުމަށް ހަމަޖެހިފައިވާ ސީރީޒް އެކެވެ. މިއީ ހަ އެޕިސޯޑުގެ އެންތޮލޮޖީ ސީރީޒްއެކެވެ. އަހުމަދު ތޮލާލް ލިޔެ ޝިފާއު އަލީ (ޗިއްޕެ) ޑައިރެޓްކުރާ މި ސީރީޒްއަކީ ބަދަލު ހިފުން ދައްކުވައިދޭ ސީރީޒެކެވެ. މި ސީރީޒް ބައިސްކޯފުން ގެނެސްދޭން ފަށާނީ އަންނަ އޮކްޓޯބަރު މަހު އެވެ.