އާލިއާ ބަޓްގެ ނަމަށް ރަސްމީކޮށް "ކަޕޫރު" ލާ، ނަން ބަދަލުކުރާނެ ކަމަށް އާލިއާ ބުނެފި އެވެ.
އާލިއާ ވަނީ މިދިޔަ އެޕްރީލް މަހު އޭނާގެ ލޯބިވެރިޔާ އެކްޓަރު ރަންބީރް ކަޕޫރާ ކައިވެނިކޮށްފަ އެވެ.
ދެމަފިރިންނަށް މިހާރު ދަރިއަކު ލިބެން އުޅޭއިރު، ހަޔާތުގައި ދެން އަންނާނެ ކަންތައްތަކަށް ދެމަފިރިންވެސް ދަނީ ތައްޔާރުވަމުންނެވެ.
އާލިއާ ބުނި ގޮތުގައި ރަންބީރު ވަގުތުން އޭނާގެ ޕާސްޕޯޓުގައި ކައިވެނި ކޮށްގެން އުޅޭކަމަށް ސްޓޭޓަސް ބަދަލުކުރިނަމަވެސް، އާލިއާގެ ޝޫޓިން ޝެޑިއުލްތައް ހުރި ގޮތުން ބިޒީކަމުން އަދި އެފަދަ ކަންތައްތަކަށް ސަމާލުކަން ނުދެވިގެން އުޅޭ ކަމަށެވެ.
ރަސްމީކޮށް ނަމުގެ ފަހަތަށް ކަޕޫރު ލީ ނަމަވެސް، ސްކްރީން ނަމަށް ބަދަލު ނުގެންނާނެ ކަމަށް އާލިއާ ބުންޏެވެ.
އާލިއާ ވޭތުވެ ދިޔަ ދެ މަސް ދުވަސް ހޭދަކުރީ ލަންޑަންގައި އޭނާ ހޮލީވުޑަށް ތައާރަފްވާ ފިލްމް "ހާޓް އޮފް ސްޓޯން"ގެ ޝޫޓިންގަ އެވެ.
މި ފިލްމްގައި ގަލް ގަދޮތް އާއި ޖޭމީ ޑޯނަރ ވެސް އުޅެ އެވެ. އާލިއާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރަންބީރް ކަޕޫރާއެކު "ބްރަހްމާސްތްރާ" އިންނާއި ރަންވީރް ސިންގާއެކު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އިންނެވެ.