ގދ. ހޯޑެއްދޫގައި މަސް ފެކްޓަރީ ހެދުމަށް ހޮރައިޒަން ފިޝަރީޒް ކުންފުންޏަށް ދީފައިވާ ބިމުގައި ފެކްޓަރީ އަޅައި ހުޅުވި ނަމަވެސް އެ ކުންފުންޏަށް ފައިދާ ނުވާނެ ކަމަށް ފެންނާތީ ހޮރައިޒަން ކުންފުންޏަށް ބާރުއަޅައިގެން އެ މަސައްކަތް ކުރުވާނެ ގޮތެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ފޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ހޯޑެއްދޫގައި މަސް ފެކްޓަރީ އަޅަން ދީފައިވާ ބިމުގައި މަސް ފެކްޓަރީ އެޅުން ލަސްވާތީ އެކަމާ ގުޅޭ ގޮތުން މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އިން މަސް ކިލޯއެއް 17 ރުފިޔާ އަށް ގަންނައިރު ހޮރައިޒަން އަށް މަސް ކިލޯއެއް ގަނެވެން އޮތް ފްލޯ ޕްރައިސް އަކީ 13 ރުފިޔާ ކަމަށެވެ. އެހެންކަމުން މިފްކޯ އިން މަސް ގަންނަ އަގު ރަނގަޅުވުމުން ހޮރައިޒަން އަށް މަސް ވިއްކަން ބަޔަކު ނުދާނެތީ ހޯޑެއްދޫ ފެކްޓަރީ އަޅައިގެން ހޮރައިޒަންއަށް ފައިދާ ނުވާނެތީ އެ ކުންފުންޏަށް ބާރުއަޅައިގެން އެމަސައްކަތް ކުރުވާނެ ގޮތެއް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
ހޮރައިޒަން ކުންފުނިން ހޯޑެއްދޫގައި މަސް ފެކްޓަރީ އެޅުމަށްޓަކައި 2005 ވަނަ އަހަރު ބައެއް މަސައްކަތްތައް ފެށި ނަމަވެސް އެދެވޭ ގޮތަށް އެމަސައްކަތް ކުރިއަކަށް ނުދެ އެވެ.
"އެ ބޭފުޅުން ވިދާޅުވަނީ ފަހަކާއި ހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ތަނުގެ މަސައްކަތް ނިންމާލެވިދާނެ ކަމަށް. ނަމަވެސް މަސް ގަތުމަށްފަހު ޕްރޮސެސްކޮށް، އެކްސްޕޯޓު ކުރުމުގެ ވިޔަފާރި ކުރުމަކީ މިހާރު އަގުތައް ހުރި ގޮތުން ވައިބަލް ކަމެއް ނޫން ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ހޯޑެއްދޫ އިން ހޮރައިޒަން އަށް ދޫކުރި ބިމުގައި އަޅަން ބުނި މަސް ފެކްޓަރީ އޮޕަރޭޝަނަށް ގެނައުން ލަސްވާތީ ގދ. އަތޮޅު ކައުންސިލުން މީގެކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ހޮރައިޒަންއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރުމަށްވެސް އެ ކައުންސިލުން ގޮވާލާފައިވެ އެވެ.