ފައިސަލް ނަސީމް

ދިރާސާތަކުން ހޯދޭ ނަތީޖާ ރަނގަޅު: ނައިބް ރައީސް

Aug 22, 2022

ސިޔާސަތުތައް އެކަަށައެޅުމާއި ހިންގުމުގައި ރަނގަޅު އިލްމީ ދިރާސާތަކުގެ ސަބަބުން ހޯދޭ ނަތީޖާ ރަނގަޅު ކަމަށާއި، ގައުމު ބިނާކުރުމުގައި ދިރާސާތަކާ ގުޅުވާލަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ބާއްވާ "ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2022" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިފަހަރުގެ ކޮންފަރެންސްގެ ޝިއާރެއްގެ ގޮތުގައި ގައުމު ބިނާކުރުމަށް ދިރާސާކުރުން ކަނޑައަޅާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ގައުމީ ތަރައްގީގައި ދިރާސާތައް އަދާކުރާ ދައުރުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. މީގެ އިތުރުން ދިރާސާ އަކީ ނިންމުންތައް ނިންމުމުގައި އެހީވެދޭ ކަމެއް ކަމަށާއި، އާބާދީއަށް ދިމާވާ މައްސަލަތައް ދެނެގަނެވޭ، ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ފަގީރުކަމާއި، ވަޒީފާ ނެތުމާއި، ހަމަހަމަކަން ނެތުންފަދަ ޒަމާންވީ މައްސަލަތައް ހައްލުކުރުމަށް ދިރާސާތަކަކީ އެހީއެއް ކަމަށެވެ. އަދި އިގްތިސޯދު ހަރުދަނާވެ ސިނާއަތްތައް ކުރި އެރުމާއި، މުޖުތަމައު ބިނާކުރުމަށްވެސް ދިރާސާތަކުގެ ސަބަބުން އެހީތެރިކަން ލިބިގެންދާ ކަމުގައި ވިދާޅުވި އެވެ.

ނައިބް ރައީސް ވިދާޅުވީ ދިރާސާ އަކާއި ނުލައި ތަރައްގީއަށް ކުރެވޭ މަސައްކަތަކުން ނަތީޖާ ނުނެރެވުން ގާތް ކަމަށެވެ. އަދި ގައުމެއް ބިނާކުރުމުގައި، ކުރެވޭ މަސައްކަތްތަކުގެ މައިގަނޑު އަސާސަކީވެސް އިލްމީ ދިރާސާތައް ކަމުގައި ވިދާޅުވި އެވެ. ޒަމާނީ އާ ހޯދުންތަކާއި އީޖާދުތަކަށް މުޖުތަމައު ވާސިލްކޮށްދެނީ ދިރާސާތަކުން ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުންވެސް ސިޔާސަތުތައް ހަރުދަނާކޮށް ކުރިއެރުވުމަށް، ދިރާސާތަކުގެ އަޑުތައް އައްސަވާނެ ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ބަދަލުކުރެވޭ ތަޖުރިބާތަކުގެ ސަބަބުން، ރާއްޖޭގެ ތަރައްގީ އަށާއި ދިވެހިންގެ ދިރިއުޅުމުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އީޖާދީ ހައްލުތައް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން އިންތިޒާމްކޮށްގެން މިކޮންފަރެސް ބާއްވަމުން އަންނަތާ މިއީ ފަސްވަނަ އަހަރެވެ. މިއަހަރުގެ ކޮންފަރެންސް ކުރިއަށްދާނީ އޮގަސްޓް 22 އިން 23 އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގަ އެވެ.