ބީއެމްއެލް އިން ދޫކުރާ އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު (އެމެކްސް) ކާޑު މިހާރު ރާއްޖޭން ބޭރުގައި ވެސް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ހަމައެކަނި ބޭނުންކުރެވޭ ގޮތަށް ފުރަތަމަ އިފްތިތާހު ކުރި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް، ޔޫއެސް ޑޮލަރު އެކައުންޓާއި ލިންކު ކުރުމުން 3،000 ޑޮލަރާ ހަމައަށް އޮންލައިންކޮށް އަދި ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކަށް މިހާރު ބޭނުންކުރެވޭނެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ އެމެރިކަން އެކްސްޕްރެސްއާ އެކު ބީއެމްއެލްގެ ދުވަސްވީ ޕާޓްނާޝިޕްގެ އެހީގައި މިހާރު ބޭންކުން ދޫކުރާ ޑެބިޓް ކާޑު އިތުރަށް ފުޅާކޮށް ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ބަލައިގަންނަ ހުރިހާ މާޗަންޓް މެދުވެރިކޮށް މި ކާޑު ބޭނުންކުރެވޭ ގޮތަށް ބަދަލުގެނެވުނު ކަމީ ލިބޭ އުފަލެއް ކަމަށެވެ.
"ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާއިރު މިގެނެވުނު ބަދަލުންވެސް ރާއްޖޭގައި ކާޑު ދޫކުރުމުގައި ބީއެމްއެލް އިން އަދާކުރަމުންދާ އިސްދައުރު ދައްކުވައިދޭ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އެމެރިކަން އެކްސްޕްރެސްގެ ފަރާތުން، ވައިސް ޕްރެސިޑެންޓް، ގްލޯބަލް ނެޓްވޯކް ސާވިސަސް އިންޑިއާ އެންޑް ސައުތް އޭޝިއާ، ޑިވްޔާ ޖައިން ވިދާޅުވީ ދެކުނު އޭޝިއާގައި ބޭންކް އޮފް މޯލްޑިވްސް އަކީ އެމެރިކަން އެކްސްޕްރެސް އަށް މުހިއްމު ޕާޓްނަރެއް ކަަމަށެވެ.
"ރާއްޖޭން ބޭރުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބޭނުންކުރެވޭ ގޮތަށް ގެނެވުނު ބަދަލަކީ ރާއްޖޭގައި ތިބި އަޅުގަނޑުމެންގެ ކާޑު މެންބަރުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ހަރަދު ކުރާ ގޮތަށް ބެލުމަށްފަހު އިތުރު ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް ގެނެވުނު މުހިއްމު ބަދަލެއް،" ޑިވްޔާ ޖައިން ވިދާޅުވި އެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޑް ކާޑު މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓެއް ކަނޑައެޅުމަށް އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް އެދި ހުށަހެޅޭނެ އެވެ. އަލަށް ކާޑަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެ އެވެ.