ލިވާތުގެ ކުށާއި ސިހާހުގެ ކުށް ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމަނަން ހުށައަޅައިފި އެވެ. މި ދެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ހުށައެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.
ގާސިމް ހުށައެޅުއްވި އިސްލާހުގައި ބުނެފައިވަނީ އެއް ޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖްތަމައުއަށް ނުރައްކާތެރި ބައެއް ކަމަށެވެ. އެފަދަ މީހުންގެ ވަސްވާސް އެމީހާގެ އަމިއްލަ އާއިލާއާއި މުޅި މުޖްތަމައުއަށް ފޯރުމުގެ ކުރީން މުޖްތަމައުން އެކަހެރި ކުރަން ޖެހޭ ކަމަށެވެ.
އެހެން ކަމުން ރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބޮޑެތި ކުށްތަކެއް ކަމަށް ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި މި ކުށް ހިމެނިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ އެ އިސްލާހު ފާސްކޮށްދެއްވާ މި ދެ ކުށް ޖިނާއީ ބޮޑެތި ކުށުގެ ތެރޭގައި ހިމަނަން ވަނީ ހުށައަޅުއްވާފައެވެ.
ގާސިމް މިފަދަ އިސްލާހެއް ހުށައެެޅުއްވިއިރު ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ބޮޑު ނެޓްވޯކެއްގެ މައްސަލައިން ދިވެހީން ވަނީ ސިހުން ކޮށްލާފައެވެ. އެ މައްސަލައިގައި ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގު ވަނީ ހައްޔަރު ތަހުގީގު ހިންގާ މިހާރު ދައުވާވެސް އުފުލާފައެވެ.
ނަމަވެސް އެ މީހުންގެ މައްޗަށް އޮތް ތުހުމަތަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށުގެ ތުހުމަތަކަށް ނުވާތީ އެ މީހުން މިހާރު ވަނީ ދޫކޮށްލާފައެވެ. އެނގިފައިވާ ގޮތުގައި ހަތަރު މީހުންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.
ޖިންސީ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭއިރު ގާނޫނުލްއުގޫބާތުގެ ދަށުންވެސް ޖަލު ހުކުމެއް އިއްވާނެ އެވެ.