ދުނިޔެ

ޔުކްރޭންގެ ތަޖުރިބާކާރު އިންޓެލިޖެންސްގެ ވެރިޔާ ކުއްލި ގޮތަކަށް މަރުވެއްޖެ

ޔުކްރޭންގެ އިންޓެލިޖެންސް ސާވިސަސް "ސުލުޒްބާ ބެޒްޕަކީ އުކުރައިނީ" (އެސްބީޔޫ(ގެ ވެރިޔާ އޮލެކްސެންދަރު ނަކޮނެޗްނީ އޭނާ ދިރިއުޅޭ ގޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ. އޭނާ މަރުވެފައި އޮތް ތަން ފުރަތަމަ ފެނުނީ އޭނާގެ އަންހެނުންނަށެވެ.

ޔުކްރޭންގެ ޚަބަރުތައް ބުނާ ގޮތުން ނަކޮނެޗްނީ މަރުވެފައި އޮތީ ބަޑިން ދިން ހަމަލާއަކުންނެވެ. އެހެން ނަަމަވެސް، ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުން އޭނާ މަރުވީ އަމިއްލައަށެވެ.

ނަކޮނެޗްނީ މަރުވެއްޖެކަން ޕްރޮސެކިޔުޓަރު އޮފީހުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ. އެހެން ނަމަވެސް، އޭގެ އިތުރުން މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ޔުކްރޭންގެ ތަރުޖިބާކާރު އިންޓެލިޖެންސް އޮފިސަރަކު މަރުވިއިރު ރަޝިއާގައި ވެސް ވަނީ ގޮތް ނޭނގޭ ގޮތަކަށް ކާރެއް ގޮވައި ރައީސް ޕޫޓިންގެ ވަރަށް އަރިސް އަދި ސިޔާސީ ސައިންސްވެރިއެއްގެ ދަރިކަލުން މަރާލާފަ އެވެ.

އެލެގްޒެންދަރު ދޫޖިންގެ ދަރިކަލުން ދާރިޔާ ދޫޖިނާ މަރާލާފައި ވަނީ ރަޝިއާގެ ވެރިރަށް މޮސްކޯގެ ބޭރުފަށުން ދުއްވާފައި ދަނިކޮށް ކާރު ގޮއްވާލައިގެންނެވެ.

ރަޝިއާ ބުނާ ގޮތުހް ހަމަލަޣެ ފަހަތުގައި އޮތީ ޔުކްރޭން އެވެ. އެހެން ނަމަވެސް ޔުކްރޭނުން މިކަން ދޮގުކުރެ އެވެ.

ޔުކްރޭންގެ އޮފިޝަލުން ބުނާ ގޮތުން ރަޝިއާގައި އުޅޭ ކަހަލަ މީހުން މަރާ މީހުން ޔުކްރޭންގައި ނޫޅެ އެވެ. އެ ހަމަލާއާ ޔުކްރޭނާ ގުޅުވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވެސް ޔުކްރޭން ބުނެ އެވެ.

ޔުކްރޭން އަކީ އަމާން ދައުލަތެއް ކަމަށް ރައީސް ޒެލެންސީކީގެ އަރިހުގައި މުޝީރެއް ގޮތުގައި މަސައްކަތް ކުރައްވާ މިޚައިލޯ ޕޮޑޮލިޔަކު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގެ ބޮލުގައި އެ ހަމަލާ އެޅުވުމުގައި ރަޝިއާގެ އޮތް ވިސްނުމަކީ ހަނގުރާމާގައި ބައިވެރިކުރަން އިތުރު ސިފައި ޔުކްރޭނަށް އެރުވުމެވެ.

ރަޝިއާގައި ސިޔާސީ ގޮތުން ފިކުރު ތަފާތު މީހުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ތާރީޚީ ކަމެކެވެ.

ރަޝިއާގެ ރައްޔިތަކުން ގައުމުން ބޭރުގައި ރަޝިއާގެ ވެރިންނަށް ފާޑުކިޔައި ސަރުކާޜާ ދެކޮޅަށް ނުކުންނަށް ގޮވާލަައި އުޅޭ ނަމަ އެ ފަދަ މީހުންނަށް އަމާޒުކޮށް ވިހަލުމާއި ގޮތް ނޭނގޭ ގޮތްތޮތަށް މަރުވުން ފަދަ ހާދިސާތައް ތާރީޚުގައި ލިޔެވިފައި އެބަ ހުއްޓެވެ.