އެފްކޮންސް

ދެ ދުވަސްތެރޭ ޕްލެޓްފޯމް ފުންކުރެވޭނެ: އެފްކޮންސް

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތަށް ތައްޔާރުވެފައިވާ ކަމަށާ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.

އެފްކޮންސް އިން ނެރުނު ބަޔާނެއްގައި ބުނީ 11 މީހުންނާއެކު ޕްލެޓްފޯމް ފަރަށް އެރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ޕްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މިހާރު މޮބިލައިޒް ކޮށްފައިވާ ކަަމަށެވެ. އެގޮތުން ޓަގްތަކާއި ބާޖު އަދި ކެރޭންތައް ވަނީ ހޯދާފައެވެ.

އެ ކުންފުނިން ބުނީ ބުރާސްފަތި ދުވަަހުގެ ކުރީން އެ މަސައްކަތް ނިންމާނެ ކަމަށެވެ. އަދި މަސައްކަތް ކުރާނީ ފަރަށް އެންމެ ގެއްލުން ކުޑަ ގޮތަށް ބަލައިގެން ކަމަށެވެ.

ރާޅާ އެކު ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕްލެޓްފޯމް ނެގޭނެ ކުންފުނިތައް ރާއްޖޭގައި ތިބިއިރު ބްރިޖު ކަހަލަ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކީ ޕްލެޓްފޯމް ނެގޭނެ ފެންވަރުގެ ސާމާނު ހުރި ކުންފުނިތަކަކަށް ވާންޖެހޭނެ ކަމަށް އެ ދެ ޖަމިއްޔާއިން ބުނެއެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްފަހު އެކުލަވާލާ ރިޕޯޓް ވިލިމާލޭގެ ރައްޔިތުންނާ ހިއްސާކުރުމަށްވެސް ގޮވާލާފައިވެ އެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އެންވަޔަންރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.