ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީއަށް ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އަންހެނުންގެ ގޮފީގެ ރައީސާ އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެ އެވެ.
ދުންޔާގެ ފާޑުވިދާޅުވުން ސަރުކާރަށް އަމާޒު ކުރެއްވީ މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ދިޔަ އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްގައި ހިނގާދިޔަ ކަންކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީއަށް ކަމަށެވެ. އެމްޑީޕީއަށް ފާޑު ވިދާޅުވަމުން ދުންޔާ ވިދާޅުވީ މިއީ ޑްރާމާ ކުޅެންވީ ވަގުތެއް ނޫން ކަމަށެވެ.
ދުންޔާ މިހެން ވިދާޅުވިއިރު އެމްޑީޕީ ކޮންގްރެސް ފެށުމުގެ ކުރީން އެ ޕާޓީގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދުނެވެ. ހާއްސަކޮށް ވެރިކަމުގެ ނިޒާމު އަލުން ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައީސް ނަޝީދު ވަނީ ގަރާރެއް ހުށައަޅުއްވާފައެވެ. އެ ގަރާރުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވާނެ ކަމަށް ބެލެވިފައި ވަނިކޮށް ކުއްލި ގޮތަކަށް ނަޝީދު ވަނީ ގަރާރު ގެންދަވާފައެވެ. އަދި ދެ ރައީސުންގެ މެދުގައި އޮތް ނުތަނަވަސްކަން މުޅީން ފިލާ ދެ ރައީސުން އެކުގައި ސަލާމް ކުރައްވާ ބައްދާލައްވާ ފޮޓޯ ނެންގެވިއެވެ. ސިޔާސީ ޗަރުކޭސް ކުޅުމުގައި އެއްވަނަ ލިބެނީ އެމްޑީޕީއަށް ކަމަށް ދުންޔާ ވިދާޅުވީ އެކަމަށް އިޝާރާތް ކޮށެވެ.
އެ މަންޒަރު ފެންނަ ފޮޓޯއެއްވެސް މި ޓްވީޓާއެކު ދުންޔާ ހިއްސާ ކުރެއްވިއެވެ.