ރައްޔިތުންގެ މަޖިލިސް

ސާޖެންޓް އެޓް އާމްސްގެ މަގާމުން ހަލީމު ވަކިކޮށްފި

Aug 24, 2022

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމަށް މުސާރަ ލިބޭ ގޮތަށް 19 މަސް ދުވަހު ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު އޭނާ ވަޒީފާ އިން ވަކިކުރުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ހަލީމުގެ މައްސަލަ މަޖިލީހުގެ އާންމު ކޮމިޓީން ބެލުމަށްފަހު އޭނާ މަގާމުން ވަކިކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން ހަލީމު މަގާމުން ވަކިކުރުމަށް ތާއީދުކުރައްވާ 25 މެންބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވާއިރު ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ހަލީމުގެ މައްސަލަ މަޖިލީހުގެ ކޮމިޓީން ބެލީ ކޮމިޓީގެ ބައްދަލުވުންތައް ސިއްރުކޮށްގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވި ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީމިދިޔަ އަހަރުގެ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ހަލީމް ސަސްޕެންޑް ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ މަޖިލީހުން ބަލަން ފެށުމާ އެކު އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނުކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ސަމާލު ކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ.

މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު 2013 ވަނަ އަހަރު އެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް އައްޔަންކުރެއްވި ފުރަތަމަ ބޭފުޅާގެ ގޮތުގައި ހަލީމު އެ މަގާމަށް އައްޔަން ކުރީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ އަކީ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ރިޓަޔާޑް އޮފިސަރެކެވެ.

މަޖިލީހުގެ ތަޅުމުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަމާ ގުޅިގެން މެމްބަރުން ތަޅުމުން ނެރުން ފަދަ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވަނީ ސާޖަންޓް އެޓް އާމްސް އެވެ.