ރައްޔިތުންގެ މަޖިލިސް

ސާޖަންޓް އެޓް އާމްސް ސަސްޕެންޑް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، މުހައްމަދު ހަލީމް މަގާމުގެ މަސްްއޫލިއްޔަތުން އެކަރިކޮށް ސަސްޕެންޑް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންގެ ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ އެކަން ޔަގީން ކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ހަލީމް ސަސްޕެންޑް ކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. އެއީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް އެނގިފައިވެއެވެ. ސަސްޕެންޑް ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް މައްސަލަ ބަލާ ނިމެންދެނެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ހަލީމް ސަސްޕެންޑް ކޮށްފައިވާކަން އަންގާފައި ވަނީ މަޖިލީހުގެ އިދާރާއިން މިއަދު އޭނާއަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު މަޖިލީހުގެ އިދާރީ މުވައްޒިފުން ތިބޭ ގުރޫޕްތަކުން ވެސް އޭނާ ވަނީ ރިމޫވް ކޮށްފަ އެވެ.

އެކަމާއި ގުޅިގެން އަވަސްއިން ހަލީމަށް ގުޅުމުން ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައިވެސް އަދި މައްސަލައެއް ވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ކަމަަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.

އޭނާ ސަސްޕެންޑް ކުރި އިރު މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ އޮފީސް "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެންނަވާފައިވާނެ ކަމަށެވެ.

މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމް ފުރަތަމަ އައްޔަން ކުރީ އޮކްޓޫބަރު 31، 2013 އިގަ އެވެ.