ސާޖެންޓް އެޓް އާމްސް

ސާޖަންޓް އެޓް އާމްސް ސަސްޕެންޑްކުރީ އާއްމު ކޮމިޓީން ބަލާ މައްސަލައަކަށް

Jan 27, 2021
3

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް، މުހައްމަދު ހަލީމް މަގާމުން ސަސްޕެންޑްކޮށްފައި ވަނީ، މަޖިލީހުގެ އާއްމު ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންކަން އެނގިއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި ހަލީމް ސަސްޕެންޑުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް، އަދި އެ މައްސަލަ ބަލައި ނިމެންދެނެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ހަލީމް ސަސްޕެންޑުކޮށްފައި ވަނީ މަޖިލީހުގެ އާއްމު ކޮމިޓީން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް، އެ ކޮމިޓީން ބަލަމުން ދަނީ އޭނާގެ ކޮން މައްސަލައެއްކަމެއް އަދި ނޭނގެ އެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ މުވައްޒަފުންގެ ކަންކަން ބަލާ އާއްމު ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި މަޖިލީހުގެ އަމީން އާންމު، ކައުންސެލް ޖެނެރަލް، އަދި ސާޖަންޓްް އެޓް އާމްސް އަދި އެހެނިހެން އިސް މުވައްޒަފުންގެ މަސައްކަތްތައް ހިނގަމުންދާ ގޮތާއި އެ މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތާ ގުޅޭ ގޮތުން، ސިޔާސަތުތައް އެކަށައަޅައި ދީ، މިސްރާބު ދައްކައި ދިނުން ހިމެނެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ހަލީމް ސަސްޕެންޑް ކޮށްފައިވާކަން އަންގާފައި ވަނީ މަޖިލީހުގެ އިދާރާއިން އިއްޔެ އޭނާއަށް ފޮނުވި ސިޓީއެއް މެދުވެރި ކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު މަޖިލީހުގެ އިދާރީ މުވައްޒިފުން ތިބޭ ގުރޫޕްތަކުން ވެސް އޭނާ ވަނީ ރިމޫވް ކޮށްފަ އެވެ.

އެކަމާއި ގުޅިގެން އަވަސްއިން ހަލީމަށް ގުޅުމުން ވިދާޅުވީ ވަޒީފާއިން ވަކިކޮށްފައި ވެސް އަދި އެއްވެސް މައްސަލައެއް ވެސް ކުރިމަތިވެ ވަޑައިގެންފައި ނުވާ ކަމަަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.

އޭނާ ސަސްޕެންޑް ކުރި އިރު މިދިއަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ އޮފީސް "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެންނަވާފައިވާނެ ކަމަށެވެ.

ނަމަވެސް، އޭރު އެ މައްސަލަ ބަލަން ހަވާލު ކޮށްފައި ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީ އާއެވެ.