ރައީސް މުހައްމަދު ނަޝީދު

ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނުކަން ސަރުކާރަށް އެނގޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމުގެ ތިން ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ކުރިން ލިބިފައިވާ ކަމަށް އެމަނިކުފާނު މިއަދު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މި ތުހުމަތުތައް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ދަނޑުވެރިންގެ ސަބްސިޑީ އަލުން އިޔާދަކޮށްދިނުމަށް ގޮވާލާ ގަރާރުގެ ބަހުސްގެ ތެރެއިންނެވެ.

އެ ބަހުސްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ މޭރީބްރައުން އާއި ޔާގޫތުގެ ކައިރީގައި ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާއެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ލިބުމުން އެކަންކަމަށް ސަރުކާރުން އަޅާލާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ.

"އާހިރު ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުން،" ހަސަން ލަތީފު ވިދާޅުވި އެވެ.

މެންބަރުން ހަސަން ލަތީފުގެ ވާހަކައަށްފަހު ބަހުސްގައި ދެން ވާހަކަ ދެއްކެވި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ ބޮމުގެ އިތުރު ހަމަލާތަކެއް ދޭން އުޅުނު ކަމުގެ މައުލޫމާތު ކުރިން ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

މެންބަރު އިބްރާހީމް ރަޝީދު އެހެން ވިދާޅުވުމުން ރައީސް ނަޝީދު ވަނީ އެ މައުލޫމާތު ޔަގީންކޮށްދެއްވާ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑަށް އިއްޒަތްތެރި މެންބަރަށް ޔަގީންކޮށް ދެވިދާނެ. މޭރީބްރައުން ރެސްޓޯރަންޓް ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނު ކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުޅޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އެނގިފައިކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އެނގިފަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނީ މޭ ހައެއް، 2021 ވަނަ ދުވަހުގެ ރޭ އެވެ.

ބޮމުގެ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަހުމަދު އަދުހަމް ރަޝީދަށް ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާއިރު ބޮމުގެ ހަމަލާގައި ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.